ޓައިފޫން ރާއި ގެ ސަބަބުން ފިލިޕީންސްގައި ހާލުގައި ޖެހުނު ދިވެހި 33 ކުދިންނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ން ފައިސާގެ އެހީއެއް ފޯރުކޮށްދީ އެވެ.

އައިއޭސީން ބުނީ އެ ކުދިން ހާލުގައި ޖެހުނު ޚަބަރުތައް ލިބުމުން އެ ޖަމިއްޔާގެ އިންޓަނޭޝަނަލް ރިލޭޝަންސް (އައިއާރު) ޑިޕާޓްމަންޓުން އެ ދަރިވަރުންގެ ހާލަތު ސީދާ އެ ދަރިވަރުންގެ ކިބައިން ދެނެގަތުމަށް ބޭނުންވި ކަމަށެވެ. އަދި ޚަބަރުތަކާއި އެހެނިހެން ވަސީލަތްތަކުން ފިލިޕީންސްގައި ކިޔަވަމުންދާ ޕައިލެޓުންގެ ހާލަތު ރަނގަޅު ކަމަށް އަޑުއިވުނު ކަމަށް ވިޔަސް އަމިއްލައަށް ކަށަވަރު ކުރުމަށް ބޭނުންވި ކަމަށް އައިއޭސީން ބުންޏެވެ.

"އަޅުގަނޑުމެންނަށް އެދަރިވަރުންނަށް ގުޅޭގޮތްވީ ޑިސެމްބަރ 19 ވަނަ ދުވަހު. އެ ދަރިވަރުން ތިބި ދަތި ހާލު އެނގިގެން ދިޔައީ މި ހިސާބުން. ތިބޭ ތަނުގެ ސީލިންތައް ހަލާކުވެ، ވެއްޓި، ފެނާއި ކަރަންޓެއް ނެތްހާލު، ކެއުމަށް ބޭނުން ކުރަމުންދަނީ ހަމައެކަނި ލުއި ކާނާއާއި ދަޅު ކާނާ ކަން އެނގިގެން ދިޔަ،" އެ ޖަމިއްޔާއިން ބުންޏެވެ.

އައިއޭސީން ބުނީ ހާލަތު އެހާ ގޯސްވިއިރު އެ ޖަމިއްޔާއިން އެ ދަރިވަރުންނާ ގުޅުނުއިރު އެ ކުދިންނަށް އޭރު އެއްވެސް އެހީތެރިކަމެއް ފޯރާފައި ނުވާ ކަމަށެވެ. އަދި ދަރިވަރުން އެންމެ ފުރަތަމަ ބޭނުންވީ ކަރަންޓު ލިބޭނެގޮތް ފަހިކުރުމަށް ޖަނަރޭޓަރަކާއި ފެނާއި ކާބޯތަކެތި ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުންތަކެއް. އައިއޭސީން ވަނީ އެ ކުދިންނަށް ދީލަތި އެހީއެއް ފޯރުކޮށްދީފައި. ފޮޓޯ: އައިއޭސީ

"ދަރިވަރުންނާ ގުޅެނީ ކޮންމެ ދުވަހަކު ވެސް މެންދުރު ގަޑީގައި، ވަކި ތަނަކަށް ކަނެކްޝަން ހޯދުމަށް ދިއުމުން. މިހެންކަމުން މުއާމަލާތް ކުރެވެމުން ދިޔައީ ވަރަށް ލަސްލަހުން އަދި ދަތި ގޮތަކަށް،" އައިއޭސީން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ ފިލިޕީންސްގައި ތިބި އެ ޖަމިއްޔާގެ ޕާރޓްނަރުން މެދުވެރިކޮށް ދަރިވަރުންނަށް އެހީ ގެ އެއްޗެތި ފޯރުކޮށްދިނުމަށް ގުޅުމުން، ދަރިވަރުން ކިޔަވަމުންދާ މަރުކަޒާ މަޝްވަރާކުރުމަށްފަހު ތިބި ތަނުން އެހެން ތަނަކަށް ވަގުތުން ވަގުތަށް ބަދަލުވާން ބޭނުންވެފައިވާ ވާހަކަ ފާހަގަކުރި ކަމަށެވެ. އަދި މިވަގުތަށް އެންމެ ބޭނުންވާ ކަމަކީ އެއީ ކަން އެނގިގެން ދިޔަ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

"އެކި ދަރިވަރުން ބަދަލުވުމަށް ބޭނުންވީ އެކި ސަރަހައްދުތަކަށް. ދަރިވަރުންގެ ހާލަތާއި ބޭނުމަށް ރިއާޔަތް ކޮށް އައިއޭސީގެ ފަރާތުން ނިންމީ އެންމެ ބޭނުންތެރިވާނީ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި،" އެ ޖަމިއްޔާއިން ބުންޏެވެ.

މި ގޮތުން 22 ދަރިވަރުން ތެރެއިން ކޮންމެ ދަރިވަރަކަށް 200 ޑޮލަރު ދިނުމަށް ނިންމި ކަމަށް ވެސް އައިއޭސީން ބުންޏެވެ.

"މިއީ ކުއްޔާއި، ކާބޯތަކެއްޗާއި އަދި އެހެނިހެން ޒަރޫރީ ސާމާނު ހޯދުމަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ދިން އެހީއެއް،" އެ ޖަމިއްޔާއިން ބުންޏެވެ.

މިގޮތުން މިމަހުގެ 23 ވަނަ ދުވަހު ދަރިވަރުންގެ ފަރާތުން މުއާމަލާތުކުރަމުން ދިޔަ ދަރިވަރު، މުހައްމަދު އަސީލް ހުސެއިންއަށް މި 22 ދަރިވަރުންނަށް ވީ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

"އެއީ ކޮންމެ ދަރިވަރަކަށް 200 ޔޫއެސް ޑޮލަރުގެ މަގުން. ދަރިވަރުންގެ ފަރާތުން މުއާމަލާތި ކުރުމުގައި އަސީލް ވަނީ ވަރަށް ވެސް ފުރިހަމަ މަސައްކަތެއް ކޮއްފައި. އަދި އަމިއްލައަށް އިސްނަގައިގެން ދަރިވަރުންނަށް އެހީ ފޯރުކޮށްދޭން ވެސް ވަނީ ތެދުވެފައި،" އެ ޖަމިއްޔާއިން ބުންޏެވެ.

އައިއޭސީން ބުނީ މި 22 ދަރިވަރުންގެ އިތުރުން ޓައިފޫންގެ އަސަރުކޮށްފައިވާ ފިލިޕީންސްގެ އެހެން ސަރަހައްދުތަކުގައިވާ ދަރިވަރުންގެ ހާލަތު ވެސް ފަހުން ދެނެގަނެވުނު ކަމަށެވެ. އަދި 22 ދަރިވަރުންގެ އިތުރުން ދެން ތިބި ދަރިވަރުންނާއެކު 33 ދަރިވަރުންނަށް ވެސް އެހީ ފޯރުކޮށްދިނުމަށް ނިންމި ކަމަށާއި ކުރިއެކޭ އެއްގޮތަށް ދަރިވަރަކަށް 200 ޑޮލަރުގެ މަގުން އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި އެހީއާއެކު ދަރިވަރުން ބަދަލުވި އާ އިމާރާތްތަކުގެ ކުލި (ގާތްގަނޑަކަށް ދަރިވަރަކަށް 100 ޑޮލަރު) އަދި ފެނާއި ކެއުން މި ފައިސާއިން ދައްކާ، އަލުން ކިޔެވުން ފެށުމަށް ފަސޭހަވެގެން ދިއުން. މިއަދުގެ ނިޔަލަށް 33 ތިން ކުދިންނަށް (ހުރިހާ ކުދިން) އައިއޭސީގެ ފަރާތުން، އައިއޭސީގެ ހޯމް ޕްރޮޖެކްޓެގެ ތެރެއިން 'ކޭޝް އެސިސްޓެންސް'ގެ ގޮތުގައި ކޮންމެ ކުއްޖަކަށް 200 ޔޫއެސް ޑޮލަރުގެ މަގުން މިވަނީ ހަވާލުކޮށް ނިންމާލެވިފައި،" އައިއޭސީން ބުންޏެވެ.