ކައިވެނި ކޮށްގެން އުޅުނު މުއްދަތުގައި އެކުގައި ގަތް ފަރަންސޭސިވިލާތުގެ ވައިނަރީއާ ގުޅޭގޮތުން އަހަރުތަކެއް ވަންދެން ހިނގަމުންދިޔަ ހޫނު ގާނޫނީ މައްސަލަ ނިންމާލައި، ހޮލީވުޑްގެ ކުރީގެ މަޝްހޫރު ޖޯޑު ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އެމެރިކާގެ މީޑިއާތަކަށް ދިން ކުރު ބަޔާނެއްގައި ދެ ތަރިން ވެސް ވަނީ ޝާޓޯ މިރަވަލްގެ މިލްކުވެރިކަމާ ގުޅޭ މައްސަލަ، އާއިލާގެ އެންމެ ރަނގަޅު މަސްލަހަތަށްޓަކައި ކޯޓުން ބޭރުގައި ހައްލު ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެއްބަސްވުމުގެ ތަފްސީލު ހާމަނުކުރި ނަމަވެސް، "މަސްދަރުތަކާ" ހަވާލާދީ މީޑިއާތަކުން ފަތުރާ ވާހަކަތަކަކީ ދެ މީހުންކުރެ މީހަކު ނުވަތަ ގާތް މީހަކު ދޭ މައުލޫމާތު ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ހަ ކުދިން ތިބޭ ބްރެޑް ޕިޓް (62) އާއި އެންޖެލީނާ ޖޯލީ (51) 12 އަހަރު އެކުގައި އުޅުމަށްފަހު 2016 ވަނަ އަހަރު ވަކިވިއިރު، ވަރީގެ ކަންކަން ގާނޫނީ ގޮތުން ނިމުނީ 2024 ވަނަ އަހަރު އެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް، ވައިނަރީގައި ޖޯލީގެ އޮތް ހިއްސާ ސްޓޮލީ ގްރޫޕްގެ ޔުނިޓަކަށް އޭނާ ވިއްކާލި އެވެ. ޕިޓް ތުހުމަތު ކުރި ގޮތުގައި އެ ހިއްސާ ވިއްކާލީ ދެ ފަރާތުގެ ރުހުން ކުރިން ހޯދަން ޖެހޭ އެއްބަސްވުމާ ހިލާފަށެވެ.

އެކަމާ ގުޅިގެން ޖޯލީ ވެސް ޖަވާބު ދަޢުވާއެއް ހުށަހަޅައި، ޕިޓް އަކީ "ބަދަލު ހިފުމުގެ ރޫހުގައި" އުޅޭ މީހެއް ކަމަށް ސިފަކުރި އެވެ.

ކުރީގެ ލިޔެކިޔުންތަކުގައި ޖޯލީ ބުނެފައިވާ ގޮތުގައި، ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ނުދެއްކުމަށް ސޮއި ކުރަން ޖެހޭ ނޮން-ޑިސްކްލޯޝާ އެގްރީމަންޓެއްގައި ސޮއިކުރަން ދެކޮޅު ހެދުމުން ޕިޓް ވަނީ އޭނާގެ ހިއްސާ ގަންނަން ދެކޮޅު ހަދާފަ އެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ޖިނާއީ އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ.

2005 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "މިސްޓާ އެންޑް މިސިސް ސްމިތު" ގައި އެކުގައި މަސައްކަތް ކުރުމަށްފަހު ލޯބީގެ ގޮތުން ގުޅުނު ބްރެޑްއާއި ޖޯލީގެ ގުޅުމަކީ ހޮލީވުޑްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ގުޅުމެވެ.