ހދ. ހަނިމާދޫގައި ހަދަން ފަށާފައިވާ 52 ހައުސިން މަސައްކަތް ނިންމުމަށާއި އިތުރު 48 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކުރި އެއްބަސްވުން ބާތިލުކުރުމަށްފަހު އަލުން އެ ބިޑްތައް އަލުން އިވެލުއޭޓް ކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ހަނިމާދޫގައި ތަރައްގީ ކުރާ 1000 ހައުސިން ޔުނިޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ ހިއްސާވާ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ މަޝްރޫއުއަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބިޑް ހުށަހެޅިޔަސް، އެ ބިޑް ފުރިހަމަނުވާ ކަމަށް ބުނެ ނޭޝަނަލް ޓެންޑާ ބޯޑުން އެ ބިޑްތައް އިވެލުއޭޓް ކޮށްފައި ނުވާތީ އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ ބިޑްތައް އިވެލުއޭޓް ކުރަން އަމުރުކޮށް ދިނުމަށް އެދި އެވެ.
މިއަދު ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އެސްޖޭގެ ބިޑްތައް ޓެންޑާ ބޯޑުން އިވެލުއޭޓް ނުކުރަން ނިންމާފައި ވަނިކޮށް ރިވިއު ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު އެ ބިޑްތައް ބަލައިގަންނަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް ޓެންޑާ ބޯޑުން އަމަލުކުރަން ޖެހޭނެ ކަމަށާއި އެކަމަކު ޓެންޑާ ބޯޑުން ބިޑްތައް އިވެލުއޭޓް ކުރީ ރިވިއު ކޮމެޓީގެ ނިންމުމަށް އަމަލު ކުރުމެއް ނެތި ކަމަށާއި އެހެންވެ، އެއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.
އެކަންކަން ފާހަގަކޮށް، ހުކުމުގައި އަންގާފައިވަނީ އެސްޖޭ ކުންފުނީގެ ބިޑްތައް ބަލައިގަތުމަށާއި އެ ބިޑްތައް ހިމެނޭހެން މިއަދުން ފެށިގެން 20 ދުވަސް ތެރޭގައި ހުރިހާ ބިޑްތައް އަލުން އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް އެ މަޝްރޫއު ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ހަނިމާދޫ ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 79.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއު އެކެވެ.
ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ގިނަ މަޝްރޫއުތައް ހަވާލުކުރަނީ އެމްޑީޕީ މަޖިލިސް މެމްބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. މިކަމާ ގުޅުގެން ގިނަ ބަޔަކު ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.
ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރުމަށްފަހު ވެރިކަމަށް އައި ސަރުކާރުން އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ކުރިން ދެއްކި ވާހަކަ އާއި އަމަލާ ދިމާނުވާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ މިހާރު ބުނަމުންނެވެ.