ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިއާ އަށް ދަނިކޮށް ލަންކާގެ އިރުމަތީ ފަރާތު ބޭރުން ތެޔޮ ޓޭންކަަރެއްގައި ރޯވެ، އެ ޓޭންކަރުން ބޭރުވާ ތެޔޮ އޮއިވަރު ހުރި ގޮތުން ރާއްޖެއަށް ފޯރާފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ތެޔޮ ޓޭންކަރުން ބޭރުވާ ތެޔޮ ރާއްޖެއަށް ފޯރަފާނެތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާރިސާއަކަށްވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ޕްރޮޓެކްޓް މޯލްޑިވްސް ކިޔާ ފޭސްބުކް ޕޭޖެއްގައި ބުނެފައި ވަނީ ލަންކާ ކައިރިން ޓޭންކަރުގައި ރޯވިއިރު، އޮއިވަރު ހުރީ ރާއްޖެއާ ދިމާލަށް ކަމަށެވެ.
ކުވަައިތުގެ އަލްއަހުމަދީގެ ޕޯޓް އޮފް މިނާ އިން އިންޑިއާގެ ޕްރަދީޕްއަށް ދަތުރުކުރި ބިޔަ ޓޭންކަރުން 3 މިލިއަން ފީފާގެ ތެޔޮ ހުރި ކަމަށް ރޮއިޓާސް އިން ބުންޏެވެ.
އެ ޓޭންކަރުގައި ރޯވީ ލަންކާގެ އިރުމަތީ ފަރާތު އައްސޭރި ފަށާ 20 މޭލު ބޭރުން ކަމަށެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ދަ ނިއު ޑައިމަންޑް" ނަމަކަށް ކިޔާ އެ ޓޭންކަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ލަންކާ އިން އެހީތެރިކަމަށް އެދުމުން އިންޑިއާ އިން ވަނީ ތިން މަނަވަރާއި ޑޯނިއާ މަތިންދާބޯޓެއް އެ ސަރަހައްދަށް ފޮނުވި ކަމަށް ލަންކާގެ ތަރުޖަމާނު ރަންޖީތު ރާޖަޕަކްސަ ވިދާޅުވި އެވެ.
ރޯވި ޓޭންކަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރުގައިވާ ރަޝިއާގެ މަނަވަރުތަކެއް ވެސް އެތަނަށް ދިޔަ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މިއަދު ހެނދުނު 7:45 ހާއިރު ޓޭންކަރުގައި އަލިފާންރޯވީ ބާރުގަދަ ގޮވުމަކަށް ފަހުގައި ކަމަށާއި ޓޭންކަރުގެ ފަޅުވެރިންގެ ތެރެއިން އެކަކު ގެއްލި އެހެން މީހުންނަށް ސީރިޔަސް ހާނީއްކަތަކެއް ވެފައިވާ ކަމަށްވެ އެވެ. އަދި އެ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ކޮލަމްބޯއަށް ގެންގޮސްފަ އެވެ.