ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް މިއޮތީ އަނެއްކާ ވެސް އުފާވެރި ހަބަރެކެވެ. އެޕަލް ފޯނުތަކާއި ގަޑިތައް ދޫކޮށް މިފަހަރު އެކުންފުނިން މިސްރާބު ޖަހާފައިވަނީ ކައިވެނި ކުރާ މީހުންނަށް އަމާޒުކޮށްގެން އުފައްދާ ސްމާޓް ރިންގް އަށެވެ.

މި އަނގޮޓިއަކީ އެޕަލް ކުންފުނީގެ އެހެން އުފެއްދުންތަކެކޭ އެއްފަދައިން ގިނަ ސިފަތަކެއް ލިބިގެންވާ އަނގޮޓި އެކެވެ. އެގޮތުން އަނގޮޓީގެ ބޭސިކް ފީޗާތަކުގެ ތެރޭގައި މެސެޖިންއާއި އިންޓަނެޓް މިއުޒިކު އަދި ކެމެރާ ހިމެނެ އެވެ. މި ފީޗާތައް ބޭނުން ކުރެވޭނީ އެޕަލް އައިފޯނާ ގުޅައިގެންނެވެ.

މީގެ އިތުރުން މި އަނގޮޓީގެ އިތުރު ހާއްސިއްޔަތަކީ މީގެ ދެ އަނގޮޓި އެކަތި އަނެކައްޗާ ސިންކު ކުރެވޭ ކަމެވެ. އެގޮތުގެ މަތިން ދެމަފިރިންނަށް އެކަކު އަނެކަކު ދާ ތަންތަނާއި ކުރާ ކަންތައް އެނގިގެންދެ އެވެ.

މި ގޮތަށް ސިންކު ކުރެވިފައިވާ އަނގޮޓިއެއް ނިއްވާލައިފި ނަމަ އަނެއް އަނގޮޓިއަށް އޭގެ ނޮޓިފިކޭޝަން ލިބޭނެ އެވެ. އެހެން ކަމުން ބައިވެރިޔާއަށް ދޮގު ހެދުމުގެ ފުރުސަތު ކުޑަވެ އެވެ.

ހަމައެއާއެކު ސްމާޓް ރިިންގްގެ އިތުރު ފީޗާތަކުގެ ތެރޭގައި ހިތުވިންދާއި ލޭގެ ޕްރެޝަރު ބެލުން ހިމެނެ އެވެ. މި ނޫނަސް ތަފާތު ގިނަ މައުލޫމާތުތަކެއް މި އަނގޮޓިން އެނގިގެންދާނެ އެވެ.

އެޕަލްގެ މި އަނގޮޓިއާއެކު ކައިވެނިތަކުގައި ބޭވަފާތެރިވުމާއި ދޮގުހެދުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.