ވަންވޭއާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވައި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ ކްރިމިނަލް ކޯޓުން ބަންދުކުރަން އަމުރު ނެރެފައި އޮތް، ކުށުގެ ރެކޯޑު އޮތް މީހެއްކަން އެނގިއްޖެ އެވެ.

ތިން މީހުން އަރައިގެން ވަންވޭއާ ހިލާފަށް ބާރު ސްޕީޑްގައި ސައިކަލު ދުއްވަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިނީ، ކްރިމިނަލް ކޯޓުން ބަންދުކުރަން އަމުރުކޮށްފައިވަނިކޮށް ތަހުގީގު ނިމިގެން މިދިޔަ އަންގާރަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ހ. ލާމިޔާ، އަހުމަދު އުވެއިސް އެވެ.

ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައި ވަނީ އުވެއިސް ބަންދުން ދޫކޮށްލި ދުވަހުގެ ރެ އެވެ. އޭނާ ކުރިން ހައްޔަރުކޮށްފައި ވަނީ ގެސްޓް ހައުސްއަކަށް ފޭކް ސްލިޕް ފޮނުވައިގެން ފައިސާ ދެއްކި ކަމުގެ ތުހުމަތުގަ އެވެ. ކޯޓުން އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރުގައި ވަނީ އޭނާއަކީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ، ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.

މީގެކުރިން ހިޔާ ފްލެޓެއްގައި އަންހެނަކަށް އަނިޔާކުރުމާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލަން އެހީތެރިވެދިން މައްސަލަތަކެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

މި އެކްސިޑެންޓް ހިނގީ އުވެއިސް އާއި އިތުރު ދެމީހުން އަރައިގެން ބާރު ސްޕީޑްގައި ދުއްވި ސައިކަލު ގަވާއިދާ އެއްގޮތަށް ދުއްވާފައިދިޔަ އެހެން ސައިކަލަކާ ޖެހިގެންނެވެ. އެ ސައިކަލުގައި ތިބި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭގެ ތེެރެއިން އެކެއްގެ ސިކުނޑިއަށް ލޭއެޅި، އަނެއް މީހާގެ މޫނަށް ބޮޑެތި އަނިޔާތައް ލިބިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލަތު އަދިވެސް ކްރިޓިކަލް އެވެ.