ވަޒީފާ އަދާ ކުރާ އިރު ބައެއްފަހަރު މަސައްކަތް ބުރަކަމުން ބަލިވެ، އެ މަސައްކަތް ނުކުރެވިދާނެތީ ބިރުގަނޭ ހެއްޔެވެ؟ ނުވަތަ ތިމާ ބަލިވެއްޖެއްޔާ އެހެން މީހުންނަށް ބުރަވާނެއޭ ހިތަށް އަރައި ކަންބޮޑުވޭ ހެއްޔެވެ؟ މަޑުކޮށްބަލާށެވެ. ތިމާ ބަލި ވަނީ ގަސްތުގައި ހެއްޔެވެ؟ ނޫން ދޯ އެވެ. ދެން ސަލާމް ބުނުމާ މެދު ކަންބޮޑުވެ ބިރުގަންނަނީ ކީއްވެގެން ހެއްޔެވެ؟

އާންމުކޮށް ވަޒީފާގެ މާހައުލުގައި ސަލާމް ބުނާ މީހާ "ލޭބަލް" ވެފައި އޮންނަނީ ވަރަށް ފަރުވާ ކުޑަ މީހެއްގެ ގޮތުގަ އެވެ. އެހެން ކަމުން ބަލިވެގެން ނުވަތަ އެނޫން ވެސް ސަބަބެއް އޮވެގެން ސަލާމް ބުނަން ބޭނުންވިޔަސް އެކަން ކުރަން ޖެހިލުންވެ އެވެ. ބައެއް ވަޒީފާތަކުން ސަލާމް ބުނާ ކޮންމެ ދުވަހަކަށްވާ ވަރަށް މުސާރައިން އުނިކުރެ އެވެ. ބަލިވެގެން ސަލާމް ބުނާ މީހާވެސް އެހެން މީހުންނަށް މަސައްކަތް ބުރަވާނެ އޭ ހިތަށް އަރާ ބަލި ރަނގަޅު ނުވަނީސް ވެސް އޮފީހަށް ނުކުންނަން ފަށަ އެވެ.

ގިނަ ފަހަރަށް އެންމެ ސަލާމެއް ވެސް ނުބުނާ މީހުން އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެ އެވެ. ބައެއް އޮފީސްތަކުގައި ސަލާމް ނުބުނާ މުވައްޒަފުންގެ އަގު ވަގަންކޯށް ހަނދާނީ ލިޔުން ފަދަ ތަކެތި ދީ ހަދަ އެވެ. މިއީ އަޅުގަނޑުގެ ނަޒަރުގައި އޮފީސް މާހައުލުގައި އޮންނަ ވަރަށް ކަމުނުދާ ސަގާފަތެކެވެ.

ހަގީގަތުގައި ސަލާމް ބުނުމަކީ މީހާ ފަރުވާ ކުޑަކަމަށް ލޭބަލް ކުރަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ހަފްތާއަކު ކޮންމެ ދުވަހަކު އޮފީހަށް އަންނަ މިހާއަށް ވުރެ ގިނަ މަސައްކަތް ތިން ދުވަހު އޮފީހަށް އަންނަ މީހާވެސް ކޮށްފާނެ އެވެ. އަދި އަނެއްކާ މިއީ އިންސާނުންނެވެ. އަހަރެއްގައި އޮންނަ 365 ދުވަހު ފުރިހަމަ ސިއްހަތެއްގައި ތިބެވޭނެ ހެއްޔެވެ؟

ސަލާމް ބުނެގެން ތިމާއަށާއި ތިމާގެ އޮފީހަށް ވާ ގެއްލުމަށް ވުރެ ސަލާމް ނުބުނުމުން ވާ ގެއްލުން މާ ބޮޑެވެ. މި ބަލާލަނީ ބައެއް ސަބަބު ތަކަށެވެ.

ބަލިވެ ހުރެ އޮފީހަށް ނުކުތުމުން އެހެން މުވައްޒަފުންވެސް އެ ބައްޔަށް ހުށަހެޅިގެންދޭ

ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރިގެން އުޅޭ މިފަދަ ދުވަސްވަރުތަކުގައި މިކަމަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހެ އެވެ. ބަލިވެ ހުއްޓާ އޮފީހަށް ދިއުމުން އެހެން މުވައްޒަފުން އެ ބައްޔަށް ހުށަހެޅިގެންދެ އެވެ. އެހެން ކަމުން ގޭގައި މަޑުކުރާށެވެ. އެންމެން އެއްފަހަރާ ބަލިވެ ސަލާމް ބުނުމަށް ވުރެ އެންމެ މީހަކު ބަލިވެ ސަލާމުގައި ހުރުން ބޮސްއަށް ވެސް މާ ރަނގަޅުވާނެ އެވެ.

ބަލިވެ ހުއްޓާ ރަނގަޅަށް މަސައްކަތް ކުރެވޭނެތަ؟

އޮފީހުގެ މަސައްކަތެއް ކުރަންޏާ ކޮންމެހެން އޮފީހުގައި ހުންނަން ވެސް ޖެހޭ ހެއްޔެވެ؟ ނުވަތަ އެއީ ކޮންމެހެން މިއަދަށް ނޫނީ މާދަމާއަށް ނިންމަން ޖެހޭ ކަމެއް ހެއްޔެވެ؟ އެކަން ކުރެވޭނެ އެހެން މީހެއް ނުހުންނާނެ ހެއްޔެވެ؟ މި ވިސްނުންތައް އެއްކިބާކޮށް ހަމަޖެހިލާށެވެ. ހަގީގަތަކީ ބަލިވެ ހުއްޓާ އޮފީހަށް ދިޔަސް މާ ބައިވަރު މަސައްކަތްތަކެއް ނުކުރެވޭނެ ކަމެވެ. އެއީ ހުރި ހަކަތަކޮޅު ވެސް ބޭކާރުކޮށްލުމެވެ. އެހެން ކަމުން ހަމަޖެހިލައިގެން އަރާމުކޮށްލާށެވެ.

ހަށިގަނޑު ތި އެދެނީ ޗުއްޓީއަކަށް! އަޑުއަހާ!

ބަލިވުމަކީ އަހަރެމެންގެ އިހުތިޔާރުގައި އޮންނަ ކަމެއް ނަމަ އެކަކު ވެސް ބަލި ނުވާނެ އެވެ. ބަލި ވުމަކީ އަމިއްލަ އަށް ކުރާ ކަމަކަށް ނުވާ އިރު ހަށިގަނޑު އެއްޗެއް ބުނެދޭން އުޅެންޏާ އަޑު އަހާށެވެ. މި ފަހަކަށް އައިސް މާ ގިނަ ވަގުތު ކޮޅަށް އިނދެ މަސައްކަތް ކުރަނީ ހެއްޔެވެ؟ މަސައްކަތް ނިންމަން ހޭލާ އިންނަނީ ހެއްޔެވެ؟ ނުވަތަ ރަނގަޅަށް ނުވެސް ކެވެނީ ހެއްޔެވެ؟ މި ކަންކަމަކީ އާދައިގެ ކަންތައް ކަމަށް ދެކިގެން ނުވާނެ އެވެ. އަހަރެމެން އިންސާނުންނަށް ވަރަށް ބައިވަރު ކަންތައް ކުރުމުގެ ގާބިލުކަން ލިބިގެން ވެ އެވެ. އެހެން ނަމަވެސް އަހަރެމެންގެ ހަށިގަނޑަށް ވެސް "ބްރޭކިން ޕޮއިންޓެއް" އަންނާނެ އެވެ. އެ ހިސާބުން ހަށިގަނޑުގެ ބަސްއަހައިގެން އެވީ އަރާމުކޮށްލަންށެވެ.

ތި ދެއްކެނީ ރަނގަޅު ނަމޫނާއެއް ނޫން- ގޯސް ނަމުނާއެއް

ބަލިވެ ހުއްޓާ ވެސް އޮފީހަށް އައިސް ހުރުމުން ހިތުން އެ ދައްކުވައިދެނީ ތިމާގެ ހިތްވަރު ގަދަ ކަމާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަން ކަމަށް ހީކުރެވޭ ދޯ އެވެ. ތިއީ ކުށް ހީ އެކެވެ. ހަގީގަތުގައި އެކުގައި މަސައްކަތް ކުރާ މީހުންނަށް ތި ދައްކުވައިދެވެނީ ވަރަށް ގޯސް ނަމޫނާ އެކެވެ. ތި ބުނެވެނީ ކޮންމެ ގޮތެއް ވިޔަސް ކޮންމެ ހާލަތެއްގައި ހުއްޓަސް ވަޒީފާއަށް އަންނާށެވެ. އެންމެ މުހިއްމު ކަމަކީ ވަޒީފާ އަދާކުރުން ކަމެވެ. އެހެން ނަމަވެސް މިހުރިހާ ކަމަކަށް ވުރެ ކުރިއަށް އަންނަން ވާނީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމެވެ. އެކަމަށް ފަރުވާ ކުޑަކޮށްގެން ނުވާނެ އެވެ.

ސަލާމް ބުނަންވީ ކޮން އިރަކު؟

މިއަދު އޮފީހަށް ގޮސް މަސައްކަތް ކުރަން ތިމާގެ ސިއްހަތު ތަން ނުދޭ ކަމަށް އިހުސާސް ވަންޏާ ދެރަ ނުވެ، ކަންބޮޑުނުވެ ސަލާމް ބުނެލާށެވެ. ތިމާ އަށް ވުރެ ބޮޑަށް ތިމާގެ ހަށިގަނޑު އެނގޭނެ މީހެއް ނުހުންނާނެ އެވެ. އެހެން ކަމުން ބަލިވާ ކަމުގެ އިހުސާސުވަންޏާ އެކަން އަޅާނުޅާ ދޫނުކޮށްލާށެވެ.

ސަލާމް ބުނުމަކީ ވަޒީފާއަށް ފަރުވާ ކުޑަކުރުމެއް ނޫނެވެ. އެއީ އަދި ކޮންމެހެން ޗުއްޓީ ނެގުމެއްވެސް ނޫނެވެ. ބަލިވުމުގެ ސަބަބުން އޮފީހަށް ނުދިއުމުގެ އިތުރުންވެސް އެތައް ޕްލޭނެއް ކެންސަލް ކުރަން ޖެހެއެވެ. މި ހާލަތުގައި ކުރެވެން އޮތްހާވެސް ކަމަކީ ކަންބޮޑު ނުވެ، ގޭގައި އަރާމުކޮށްލާ ބަލިން ރަނގަޅު ވުމަށް މަސައްކަތް ކުރުމެވެ.