ގިނަ ވަގުތު ކޮމްޕިއުޓަރ ނުވަތަ ލެޕްޓޮޕް ކުރިމަތީގައި މަސައްކަތްކުރާ މީހުންގެ މެދުގައި އާންމުކޮށް ފެންނަ އެއް އާދައަކީ، ތަނުގެ އަލިކަމަށް ބެލުމެއްނެތި، ލެޕްޓޮޕްގެ ބްރައިޓްނެސް އެންމެ މަތީގައި (%100) ބަހައްޓައިގެން މަސައްކަތް ކުރުމެވެ.

ނަމަވެސް، މިއީ ލޮލުގެ ފެނުމަށާއި ސިއްހަތަށް ނުހަނު ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށް ލޮލުގެ ހާއްސަ ޑޮކްޓަރުން (އޮފްތަލްމޮލޮޖިސްޓުން) ހާމަ ކުރައްވަ އެވެ.

ލޮލަށް ކުރާ ނޭދެވޭ އަސަރުތައް

ލެޕްޓޮޕްގެ ބްރައިޓްނެސް އިންތިހާއަށް މަތި ކޮށްގެން ގިނަ އިރު މަސައްކަތް ކުރުމުން ލޮލުގެ މަސްތަކަށް ބާރު ބޮޑުވެ، "ޑިޖިޓަލް އައި ސްޓްރެއިން" ނުވަތަ ކޮމްޕިއުޓާ ވިޝަން ސިންޑްރޯމްއަށް މަގުފަހިވެ އެވެ. މީގެ ސަބަބުން ދިމާވާ ކަންކަމުގެ ތެރޭގައި

  • ލޯ ވަރުބަލިވުމާއި، ލޮލުން ފެންއައުން ނުވަތަ ލޯ ހިކުން.
  • ލޮލުން ދިލަ ނެގުމާއި ބަރުހެލިކަން އިހުސާސްވުން.
  • ބޮލުގައި ވިންދެއް ޖަހާފަދަ ރިހުމެއް އުފެދުން.
  • ފެނުން ފުސްވުން.

ޑޮކްޓަރުން ފާހަގަ ކުރައްވާ ގޮތުގައި، ސްކްރީނުގެ އަލި މިންވަރަށް ވުރެ ވަށައިގެންވާ މާހައުލުގެ އަލި މަޑުނަމަ، ސްކްރީނުން ދޫކުރާ ގަދަ އަލީގެ ސަބަބުން ލޮލުގެ ކަޅި ކުޑަވެ، ލޮލަށް ކުރާ ބާރު ބޮޑުވެގެންދެ އެވެ.

އެއާއެކު ސްކްރީނަށް ބަލަން ހުންނައިރު އެކަށީގެންވާ ވަރަށް އެސްފިޔަ ޖެހުން މަދުވުމަކީ ލޯ ހިކެން މެދުވެރިވާ މުހިންމު ސަބަބެކެވެ.

ލޮލުގެ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން

  1. ބްރައިޓްނެސް މާހައުލާ އެއްވަރުކުރުން: ލެޕްޓޮޕްގެ ބްރައިޓްނެސް އަބަދުވެސް ހުންނަންވާނީ ކޮޓަރި ނުވަތަ އޮފީހުގެ އަލިކަމާ ގުޅޭގޮތުންނެވެ.
  2. 20-20-20 ޤަވާއިދަށް އަމަލު ކުރުން: ކޮންމެ 20 މިނެޓަކުން، 20 ފޫޓު ދުރުގައިވާ އެއްޗަކަށް މަދުވެގެން 20 ސިކުންތު ވަންދެން ބަލައިލުން.
  3. ގަވާއިދުން އެސްފިޔަ ޖެހުން: ސްކްރީނަށް ބަލަހައްޓައިގެން ހުންނައިރު ގަސްދުގައި އެސްފިޔަ ޖެހުމަށް ސަމާލުކަން ދިނުން.
  4. އައި-ކެއާ މޯޑް / ނައިޓް މޯޑް ބޭނުން ކުރުން: ސްކްރީނުން ދޫކުރާ ނޫ އަލި ކުޑަ ކުރުމަށްޓަކައި ޑިވައިސްގެ ސެޓިންގްސް ބޭނުން ކުރުން.

ފެނުމުގެ ހިއްސަކީ އަގު ނުކުރެވޭ ފަދަ ނިއުމަތަކަށް ވާއިރު، ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި މިފަދަ ކުދިކުދި އާދަތަކަށް ސަމާލުކަން ދިނުމަކީ ދިގު މުއްދަތުގައި ލޮލުގެ ފެނުން ރައްކާތެރި ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.