ވީޑިއޯ ގޭމް ކުޅުމަކީ އަހަރުމެން ދިވެހިންގެ ތެރޭގައި ވެސް ވަރަށް އާއްމު ކަމެކެވެ. ހާއްސަކޮށް ފުރާވަރުގެ ޒުވާނުންގެ މެދުގައި މިއީ ކަށީގައި ހިފައިފައި ހުރި އާދައެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އެފަދަ މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ގިނައިރު ވީޑިއޯ ގޭމް ކުޅުމަކީ ނަފުސަށް ހަމަޖެހުން ގެނެސް އުފާވެރިކަން އިހުސާސްކޮށްދޭ ކަމެއް ކަމަށް ދިރާސާއެކުން މިވަނީ ދައްކާފަ އެވެ.

އިނގިރޭސިލާތުގެ އޮކްސްފޯޑް އިންޓަނެޓް ރިސާޗް އިންސްޓިޓިއުޓުން ހެދި މި ދިރާސާ ހަދާފައި ވަނީ އާންމުކޮށް ވީޑިއޯ ގޭމް ކުޅޭ 18 އަހަރުން މަތީގެ 3،274 މީހުންގެ މައުލޫމާތަށް ބިނާކޮށެވެ.

އެގޮތުން އެ މީހުންނާ ގޭމް ކުޅުމުން އަމިއްލަ ނަފުސަށް ކުރެވޭ އިހުސާސްތަކާ ބެހޭ ގޮތުން ސުވާލު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ބުނެފައިވާ ގޮތުގައި ގިނައިރު ވަންދެން ވީޑިއޯ ގޭމް ކުޅުމަކީ އެ މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭ ކަމެކެވެ.

ދިރާސާގައި ވަނީ ގޭމް ނުކުޅޭ މީހުންގެ އިހުސާސްތައް ވެސް ހުރި ގޮތް ބަލައިފަ އެވެ. އެގޮތުން ފާހަގަކުރެވުނު ކަމަކީ ވީޑިއޯ ގޭމް ނުކުޅޭ މީހުންނަށް ވުރެ ގޭމް ކުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ބޮޑުކަމެވެ.

ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި ޕްރޮފެސަރަކު ވިދާޅުވީ މިއީ ހައިރާންކުރުވަނިވި ނަތީޖާއެއް ކަމަށެވެ. ސަބަބަކީ މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ގިނައިރު ވީޑިއޯ ގޭމް ކުޅުމަކީ ނުރަނގަޅު ކަމެއް ކަމަށް ބުނެފައި ވުމެވެ.

"އަހަރެމެންނަށް ފާހަގަކުރެވުނީ ކޮންމެ ދުވަހަކު މަދުވެގެން ހަތަރު ގަޑިއިރު ގޭމް ކުޅޭ މީހުން، ގޭމް ނުކުޅޭ މީހުންނާ އަޅާބަލާއިރު މާ ބޮޑަށް ވެސް އުފާވެރިކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިގޮތަށް ދިމާވަނީ ގޭމްތަކުގައި ސޯޝަލް ފީޗާތަކާ އެކު އޭގައި ހުންނަ ކެރެކްޓަތަކާއި ގޭމް ކުޅޭ މީހާއާ ދެމެދު އުފެދޭ "ހާއްސަ ގުޅުމެއް" ގެ ސަބަބުންނެވެ.

މީގެ އިތުރުން ވީޑިއޯ ގޭމް ކުޅުމަކީ އިޖުތިމާއީ ގުޅުންތައް ރަނގަޅުވެ އެހެން މީހުންނާ މުއާމަލާތް ކުރަން ދަސްކޮށްދޭ ކަމެއް ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާއިން ވީޑިއޯ ގޭމް ކުޅުމަށް ބާރު އެޅި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ 2017 ގައި ވީޑިއޯ ގޭމަށް ދެވިހިފުމަކީ ނަފުސާނީ ބައްޔެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އެހެން ކަމުން ސަމާލުކަން ދޭންވީ ކަމަކީ ގޭމް ކުޅުމުގައި ވެސް މެދު މިންވަރު އިހްތިޔާރު ކުރުމެވެ. އެއްވެސް ކަމަކަށް ދެވި ހިފުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ އެވެ.