ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެ ރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ފައިސާ މަނީލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުން ދިފާއުވުމަށް އެމަނިކުފާނު ދިފާއީ 18 ހެއްކެއް ހުށަހަޅައިފި އެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އާރަށުގެ މައްސަލާގައި އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ. ދައުލަތުން ތުހުމަތުކުރަނީ އާރަށް ކުއްޔަށް ދިނުމަށް އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ހޯއްދެވި ކަމަށާއި، އެ ފައިސާ މަނީ ލޯންޑާކުރެއްވި ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް 2015 ގައި ވ. އާރަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ އޮންނަ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ދިނުމުގެ ތެރެއިން އެއް މިިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކޮށްފަ އެވެ. ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި 7 މީހަކާއި 11 ލިޔުމެއް ހުށަހަޅުއްވާފައިވެ އެވެ. އެ ހެކިތަކުގެ ތަފުސީލު ލިޔުމުން ކޯޓަށް ހުށަހަޅުއްވާފައިވާތީ އާއި ވަގުތު ސަލާމަތްކުރުމުގެ ބޭނުމުގައި މިއަދުގެ އަޑުއެހުމުގައި ހެކީގެ ތަފުސީލުތަކާމެދު ވާހަކަދައްކާފައިނުވެ އެވެ. މި މައްސަލާގައި ދައުވާ ލިބޭ ޔޫސުފް ނައީމުގެ ފަރާތުން ތިން މީހުންނާއި 10 ލިޔުމެއް ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅުއްވި އެވެ.

މި މައްސަލައިގައި ދެން އޮންނާނީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ ނިންމުމެވެ.

އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ވަކި އަޑުއެހުމެއް ބާއްވަން ޔާމީންގެ ވަކީލުން މިއަދު އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ވެސް ހުންނެވި އަހުމަދު ޝަކީލް ނިންމެވީ އެކަމަށްޓަކައި އަންނަ މަހު އަޑުއެހުމެއް ބޭއްވުމަށެވެ.

ޔާމީންއާ ދެކޮޅަށް ދައުލަތުން ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމް ދެއްވި ކަމަށެވެ. ޔޫސުފް ނައީމް ދެއްވި ޗެކް ޔާމީން ގަބޫލު ކުރައްވައި، އެ ޗެކް ޝަންހައި ބޭންކްގެ އެކައުންޓަކަށް އެމަނިކުފާނު ޖަމާކުރެއްވި ކަމަށް ދައުވާގައިވެއެވެ.

މަނީ ލޯންޑްރިންގެ ދައުވާގައި ވަނީ ޝަންހައި ބޭންކްގެ އެކައުންޓަށް ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އޮތް އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓްގައި ހުރި ފައިސާއާ އެކު އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޔާމީން ޖަމާކުރެއްވި ކަމަށެވެ. އަދި އިސްލާމިކް ބޭންކް އެކައުންޓުން އެމަނިކުފާނުގެ އިސްލާމިކް ބޭންކް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާކޮށް އެ ފައިސާ 36 މަހަށް އިންވެސްޓް ކުރި ކަމަށް ދައުވާގައިވެ އެވެ.

ދައުލަތުން ވަނީ ޔާމީނަށް ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ އިތުރުން އެކައުންޓުތަކުގައި ހުރި ފައިސާ އާއި އިންވެސްޓްކޮށްގެން ލިބުނު ފައިސާ ވެސް ދައުލަތަށް ނަގައިދޭން އެދިފަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް އާރަށު މައްސަލައިގެ އިތުރަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވެ އެވެ.