ރޯދަ މަސް ކުރިމަތިވެގެން އަންނައިރު ދުނިޔޭގެ ހުރިހާ މުސްލިމުން ވެސް އެ މަހަށް ޚާއްސަ ގޮތެއްގައި ތައްޔާރުވަމުން އާދެ އެވެ. ތަފާތު އެތައް ކަމެއް ރޯދަމަހަށް ޚާއްސަވެފައި އޮވެ އެވެ. މުސްލިމުންގެ ކަލަންޑަރު ބިނާވެފައި އޮންނަނީ ހަނދަށް ކަމުގައި ވާތީ ކޮންމެ މަހަކު ވެސް ހަނދު ބެލުމަކީ ޒަމާނުއްސުރެ މުސްލިމުންގެ މެދުގައި އޮންނަ އާދައެކެވެ.

މަސްމަހުގެ ފެށުމާއި ނިމުން ފާހަގަކޮށް ދެނެގަތުމަށްޓަކަ އެވެ. އެގޮތުން ރޯދަ މަހަށް ހަނދު ބެލުމަކީ ވެސް ހުރިހާ މުސްލިމު ގައުމެއްގައި ވެސް ކޮށް އުޅޭ މުހިންމު ކަމެކެވެ. އެހެން ހުރިހާ މަހަކަށް ވުރެން ރޯދަ މަސް މާތްވެފައި ތަފާތުވުމުގެ ސަބަބުން ރޯދަ ހަނދު ބެލުމަށް ދެވޭ ސަމާލުކަން ވެސް ބޮޑުވެ އެވެ. ރާއްޖޭގައި ވެސް މިކަން އޮތީ މިހެންނެވެ. ރޯދަމަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ ހުރިހާ ކަމެއްގެ ނިމުމަކީ ވެސް އެމަހަށް ހަނދު ފެނުމެވެ

މަޝްހޫރު ސައްޔާހު ޕިރާޑު ލިޔެފައި ވާގޮތުގައި ރޯދަ މަހަށް ހަނދު ބެލުމަކީ ދިވެހިން ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ކޮށް އުޅުނު ކަމެކެވެ. އޭނާގެ އިބާރާތުންނަމަ އެއީ "ކުޑަވަރެއްގެ އީދެކެވެ". އެކަމަށްޓަކައި ވަރަށް ގިނަ ތައްޔާރީތައްވެ ރަށުގެ ހުރިހާ ބޮޑެތި ފިރިހެނުން ހަނދު ބަލަން ދަންނަން ވާނެ އެވެ. އެންމެ ފުރަތަމަ ހަދު ފެންނަ މީހަކީ ޚާއްސަ މީހެކެވެ. އެހެން ކަމުން ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ ހަނދު ފެންނަ މީހާ ކަމުގައި ވޭތޯ ބަލާނެ އެވެ.

ރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރެއްވި އުތީމު މުހަންމަދު ތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ވެރިކަމުގެ ދުވަސްވަރުގައި ރާއްޖޭގައި ދިރިއުޅުއްވި ޕިރާޑު ބަޔާން ކޮށްފައިވާގޮތުން ރޯދަ މަހުގެ ހުޅެވި ހަނދު ބެލުމަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ ހުރިހާ ތަން ތަނެއްގައި މީރު ވަސް ދުވާ ދުން އެޅުން އޮވެ އެވެ.

"އެއީ ބޮޑެތި ނާށިތައް ފުރެދެން ދޮންވެލި އަޅައިގެން އޭގާ މީރު ވަސް ދުވާ އެއްޗެހި އެންދުމެވެ. މިއަށް މާވަހަރާ ލާދަނާ އަދި އެހެންވެސް މީރުވަސް ދުވާ ލަކުޑިތައް އަޅައިގެން ދުން ބުރުވުމެވެ. މި ނާށީގެ ދުންކިބާތައް އެބައި މީހުންގެ ގޭތެރޭގަ އާއި މަގުމަތީ ވަކި ތަރުތީބެއްގެ މަތިން އަތުރަ އެވެ. މިސްކިތު ދޮރުގެ ދެ ފަރާތުގައާއި ގޭ ދޮރުމަތީގައި ވެސް މި ދުންކިބާތައް އަތުރަ އެވެ. އެބައި މީހުން ގޭތެރޭގައި މިތަކެތި އަތުރާއިރު ބައެއްމީހުން ނިދާ އެނދުގެ ހަތަރު ކަނުގައި ވެސް މީގެ ހަތަރު ނާށި ބަހައްޓަ އެވެ."

ޕިރާޑުގެ ލިޔުމުގައިވާގޮތުން މީރު ވަސް ދުވުމަށްޓަކައި ހަމަ އެކަނި ހުވަނދުން ދުން އެރުވުމާ ހިސާބަކުން އެކަން ނުނިމެ އެވެ. ކެލަ އާއި ބޮކަރު ފަދަ އެއްޗެހި ގާނައިގެން ގޭގެ ދޮރު ދޮރާއި ފަރުނީޗަރުތަކުގައި ވެސް މިތަކެތި އުނގުޅާ މީރު ވަސް ދުއްވަ އެވެ.

ޚާއްސަ އިހުތިފާލުތަކާއި ތައްޔާރީތަކާއެކު ރޯދަ މަހުގެ ހަނދުބަލަން ދާ ފިރިހެންވެރިންނަށް ހަނދު ފެނުމާއެކު އެ ވާހަކަ ރަދުންނަށް އަންގަން ޖެހޭނެ އެވެ. އެ ހިސާބުން އެކަމަށް ޚާއްސަ ބަޑިޖަހައި ބެރު ދުންމާރި ތާޅަފިލި ފުމުން އޮންނާނެ އެވެ. ޕިރާޑު ލިޔެފައި ވާގޮތުންނަމަ ހަނދު ފެނުމާއެކު ދެއަތް މައްޗަށް ނަގައި، އެ މީހުން ދުއާކުރެ އެވެ. އެއަށް ފަހު އެކަކު އަނެކެއްގެ އަތުގައި ހިފާ ސަލާންކޮށް ރޯދަ މަހުގެ ހެޔޮއެދުން ފާޅުކުރާނެ އެވެ.

ޒަމާނާ އެކު ޓެކްނޮލޮޖީއަށް ބަދަލު އައިސް ހަނދު ފެންމަތީގައި ހުންނާނެ ވަގުތާއި ހިސާބު ކަށަވަރުވެފައިވާ މިޒަމާނުގައި ވެސް ރޯދައަށް ހަނދު ބެލުމަކީ ދީނީ ކަމެއްގެ ގޮތުން މުސްލިމުން މިހާރު ވެސް ކުރަމުން އަންނަ ކަމެކެވެ. މި އަދަކީ ޝައުބާން މަހުގެ 29 ވަނަ ދުވަސްކަމުން މިއަދުގެ އިރު އޮއްސޭ ވަގުތު ރޯދަމަހަށް ހުޅެވި ހަނދު ބެލުމަށް ދުނިޔޭގެ ހުރިހާ ހިސާބެއްގެ މުސްލިމުން ނުކުންނާނެ އެވެ. ޒަމާނީ ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާ ގޮތުގައި މިރޭގެ އިރުއޮއްސި ގިނަ އިރުތަކެއް ވަންދެން ހަނދު އުދަރެހުގައި ހުންނާނެ އެވެ. ދުނިޔޭގެ ގިނަ މުސްލިމް ގައުމުތަކަށް ހަނދުފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރާއްޖޭގެ އުތުރުން ދެކުނަށް މި ފުރުސަތު މިގޮތަށް އޮތުމުގެ ސަބަބުން މިރޭ ރޯދަމަހަށް ހަނދު ފެނި މާދަމާ ރޯދަ ހިފަން ޖެހޭނެކަމީ ގާތްގަނޑަކަށް ޔަގީން ކަމެކެވެ. ހުރިހާ އެންމެނަށް ވެސް ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.