އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމާއި އަދި ޖުޑިޝަރީ އިސްލާހު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފި އެވެ.

އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ސަރުކާރުން ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް އަޅަނީ ބާރުގަދަ ސިޔާސީ މީހުންނާއި ދީނީ ޖަމާއަތްތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމަށެވެ. ވަކި ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި އަމަލުތައް ތަހުގީގުކޮށް ދައުވާ އުފުލުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވީ ވައުދު، ހަތަރު އަހަރުގެ ތެރޭގައި މިހާތަނަށް ފުއްދާފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި އެއްވެއުޅުމަށް ހުރަސްއެޅޭ ގޮތަށް ހުރި ގާނޫނުތައް އުވާލައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް މިހާތަނަށް އަދިވެސް އެ އުވާނުލާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މުޒާހަރާތަކާއި އިހުތިޖާޖަށް ހުރަސްއެޅުމުގެ ސަބަބެއްގެ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަން ބޭނުންކޮށްފައިވާ ކަމަށާއި، އަދި މުޒާހަރާވެރިންނާ ދެކޮޅަށް މުނާސަބު ނޫން ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ވެސް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ފަނޑިޔާރުން މަގާމަށް އައްޔަންކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރެއްވުމަށް ރައީސް ވައުދުވެ ވަޑައިގެންނެވި އެ ކޮމިޝަން އަދިވެސް އޮތީ ކުރީގެ ހާލަތުގައި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު އުފެއްދެވި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ތިން އަހަރާއި ބައި ވެގެން ގޮސްފައިވާ ކަމަށާއި އެ ކޮމިޝަންތަކަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނެތްކަން އެ ރިޕޯޓުގައި ފާހަގަކުރި އެވެ. އަދި އެ ރިޕޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނަށް ނަތީޖާ ނުނެރެވުނީ ބާރުގަދަ ސިޔާސީ ފަރާތްތައް އެ މަސައްކަތުގެ ތެރެއަށް ވަނުމުގެ ސަބަބުން ކަމަށެވެ.