މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖު، އިންޑިއާގެ މުމްބާއީގައި ބޭއްވި ޝޯއަށް ބޮމުގެ އިންޒާރު ލިބިފައި އޮތް ނަމަވެސް، އެ ޝޯއަށް ގިނަ އަދަދެއްގެ ފޭނުން ހާޒިރުވީތީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފި އެވެ.
"ރުޕޭ އޯރާ އިންޑިއާ ޓުއާ 2026"ގެ ދަށުން ހުކުރު ދުވަހުގެ ރޭ މުމްބާއީގެ މަހާލަކްޝްމީ ރޭސްކޯސްގައި ބޭއްވި މި ޝޯގައި ދިލްޖީތު ބުނީ، ބޮމުގެ އިންޒާރު ދިން މީހުންގެ ބޭނުމަކީ އާންމުން ބިރުގަންނަވައި ޝޯ ހުއްޓުވުން ކަމަށެވެ.
ނަމަވެސް ފޭނުން ބިރު ނުގަންނައިރު އޭނާ ވެސް ބިރު ނުގަންނާނެ ކަމަށާއި، ބޮމުގެ އިންޒާރުގެ ޖަވާބުގައި އޭނާ ދޭން އޮތީ ހަމައެކަނި ލޯބި ކަމަށް ދިލްޖީތު ބުންޏެވެ.
26/11ގެ ޓެރަރިސްޓް ހަމަލާތަކުގެ އަހަރީ ދުވަހާ ދިމާކޮށް ލިބުނު އިންޒާރުގެ އީމެއިލްތަކާ ގުޅިގެން، މުމްބާއީ ފުލުހުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.
އެގޮތުން 500 އަށް ވުރެ ގިނަ ފުލުހުންނާއި ބޮން ނައްތާލާ ޓީމުތައް ހަރަކާތްތެރިވުމުގެ އިތުރުން، ޝޯއަށް ވަންނަ އެންމެން ވަރަށް ރަނގަޅަށް ޗެކުކޮށް، އެ ސަރަހައްދުގައި އުޅަނދު ދުއްވުން ވެސް މަނާކުރި އެވެ.
ދިލްޖީތު ވަނީ ބޭރުގައި ގިނަ ބަޔަކު ޗެކިންތަކުގައި މަޑުކުރަން ޖެހުނު ނަމަވެސް، އެންމެންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މުމްބާއީ ފުލުހުން ކުރި މަސައްކަތަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
ދިލްޖީތުގެ ޓުއާގެ ދެން އޮތް ޝޯ ނޮވެމްބަރު 29 ގައި ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޝޯއަށް ވެސް އިންޒާރު ލިބިފައިވާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ވާނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ހުރިހާ ފޭނުން ވެސް ގަޑިއަށް ޝޯއަށް ހާޒިރުވުމަށް ދިލްޖީތު ވަނީ އެދިފަ އެވެ.
އީރާނުން ފުރި ބޯޓަކަށް އެމެރިކާއިން ހަމަލާދީ ހުއްޓުވައިފި
ރައީސްގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކިކުރަން ފަށައިފި
ޕާކިސްތާނުގެ ޑްރާމާއާއެކު ނެޓްފްލިކްސްއަށް އިންޑިއާގެ އިންޒާރެއް!