ތުއްތު އުމުރުން ފެށިގެން ފުރާވަރު އުމުރާ ހަމައަށް ވެސް، ކުދިންގެ ރުޅި ގަދަވުމަކީ އާންމު ކަމެކެވެ. މިފަދަ ވަގުތުތަކުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުއްޖާ އޮތް ހާލަތު ދެނެގަތުމެވެ.

ކުއްޖާގެ ޖަޒުބާތުތައް މުޅިން ކޮންޓްރޯލުން ނެއްޓިފައިވާ ވަގުތު ވާހަކަދައްކައިގެން މަޝްވަރާ ކުރުމުގެ ބަދަލުގައި، ކުއްޖާ ހަމައަކަށް އަޅުވަން އިސްކަން ދިނުން މުހިއްމެވެ.

މިފަދަ ވަގުތުތަކުގައި އިންޒާރު ދިނުމާއި، އަޑު ގަދަކުރުމާއި، އަދަބު ދިނުމުގެ ބަދަލުގައި، ބެލެނިވެރިޔާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައި، މަޑުމައިތިރިކަމާއެކު ކުއްޖާގެ ޖަޒުބާތުތައް ބަލައިގަންނާށެވެ.

ރުޅިވެރިކަމާއެކު ސުވާލުތައް ކުރުމުގެ ބަދަލުގައި، މަޑު ރާގަކުން ހަމްދަރުދީގެ ބަސްތައް ބޭނުން ކުރުމަކީ މާހައުލު ފިނި ކޮށްދޭނެ ކަމެކެވެ. ރުޅިގަދަ ވެގެން ކުދިން ބުނާ ބަސްތައް ހަގީގަތެއް ކަމަށް ނުދެކި، ކެތްތެރިކަމާއެކު ވަކި އުސޫލުތަކެއް ހިފަހައްޓާށެވެ.

ތަނަކުން ދާންޖެހޭ ވަގުތު ފަދަ ހާލަތްތަކުގައި ކުޑަ އިޚްތިޔާރެއް ދިނުމުން ކުދިންގެ އެއްބާރުލުން ލިބެން ފަސޭހަވެ އެވެ. ރުޅި ގަދަވެފައި ހުންނަ ވަގުތު ނަސޭހަތް ދިނުމުގެ ބަދަލުގައި، ކުއްޖާ ހަމައަކަށް އެޅުމުން ފަހުން މަޑުމައިތިރިކަމާއެކު ވާހަކަ ދައްކާށެވެ. އެއާއެކު މެއާފަށް އެދެން ގަދަކަމުން މަޖުބޫރު ކުރުމުގެ ބަދަލުގައި، އަމިއްލައަށް ވެސް ރަނގަޅު މިސާލު ދައްކާށެވެ.

މީގެ އިތުރުން، ބަނޑުހައިވުމަކީ ވެސް ކުދިންގެ ރުޅި ގަދަވާ ސަބަބަކަށްވާތީ ގަވާއިދުން ކާންދިނުމަށް ސަމާލުކަން ދޭށެވެ. ކުދިން ކާން ދެކޮޅު ހަދާ ވަގުތު ގަދަކަމުން މަޖުބޫރު ކުރުމުގެ ބަދަލުގައި، ކުއްޖާގެ ހާސްކަން ކުޑަވާނެ ގޮތަކަށް މަޑުމައިތިރިކަމާއެކު ކަންތައް ކުރާށެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި މަޑުމައިތުރު ކަމާއި ކެތްތެރި ކަމާއެކު ކަންކަން ހައްލު ކުރަން އިސްކަން ދިނުމަކީ ކުދިންގެ އަހުލާގަށް އެދެވޭ އަސަރު ކުރާނެ ކަމެކެވެ.