އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ދަތިކުރުމުގެ ފިޔަވަޅުތައް (ބްލޮކޭޑް) ފޫއަޅުވާލައި، އީރާނުން ފުރައިގެން ދާން އުޅުނު ވިޔަފާރި މުދާ އުފުލާ ބޯޓެއް ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ހާމަކޮށްފި އެވެ. މި ހާދިސާއާ ގުޅިގެން އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށާއި އެމެރިކާގެ ދަތިކުރުންތައް މުގުރާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ބަންދަރު އައްބާސް ސިޓީގެ ބަނދަރުން ފުރައިގެން ދިޔަ ޕަލާއު ދިދަ ޖަހާފައިވާ "އެމް/ވީ ޕެސިފިކް އާޗާ" ނަމަކަށް ކިޔާ ބޯޓަށް، އޮމާން ކަނޑުގެ ސަރަހައްދުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން އަމާޒުކޮށް ހަމަލާދީފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. މި ހަމަލާގައި އެ ބޯޓުގެ އިންޖީނު ހަލާކުވެ ދަތުރު ނުކުރެވޭ ހާލަތަށް ގޮސްފައިވީ ނަމަވެސް، އޭގައި ތިބި އާންމު ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ސެންޓްކޮމް އިން މައުލޫމާތު ދެ އެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތަކާ ދެކޮޅަށް ކަނޑުމަގުން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. އަދި މި މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ އީރާނުގެ އެއްގަމު ސަރަހައްދީ ރޮނގުތަކާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ހަތިޔާރާއި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެތި އުފުލުން ހުއްޓުވުމަށް "ޓާސްކް ފޯސް އަޔަން ގޭޓް" އިއުލާނު ކޮށްފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީގެ މުޝީރު މުހައްމަދު މުޚްބިރު ހުކުރު ދުވަހު ވަނީ އެމެރިކާގެ މި ދަތިކުރުންތައް ފޫއަޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ.

"ހޮރްމުޒް ކަނޑުއޮޅިއެއް އަލުން ނުހުޅުވާނެ. އަދި މި ބްލޮކޭޑް ދެމިއޮތުމަކަށް ވެސް އަހަރެމެން ފުރުސަތެއް ނުދޭނަން،" ދަތިކުރުންތައް މުގުރާލުމަށް އީރާނުން ގެންގުޅޭ ޕްލޭނުގެ ތަފްސީލެއް ނުދެއްވައި މުޚްބިރު ވިދާޅުވި ކަމަށް މީޑިއާތަކުން ބުނެ އެވެ.

މީގެ އިތުރުން، އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޝަހްރާމް އިރާނީ އެ ގައުމުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ދުޝްމަނުންގެ ބްލޮކޭޑް ފޫއަޅުވާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ބަނދަރުތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ހިނގަމުންދާ ކަމަށެވެ. އަދި ހުރިހާ ޕްރޮޕެގެންޑާތަކަކާ ހިލާފަށް ކަނޑުމަގުން އުޅަނދުފަހަރަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ބޯޓުތަކުގެ ވެރިންނާއި ފަޅުވެރިންގެ ފަހަތުގައި އީރާން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހްރާމް އިރާނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ އިގްތިސާދުގެ މައިނާރު ކަނޑާލުމަށް ދުޝްމަނުން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ.