އުމުރުން ހަނގު ފިރިހެނަކާ ލޯބީގެ ގޮތުން ގުޅުމާ، ގުޅިގެން ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަލާއިކާ އަރޯރާ ހިޔާލު ފާޅުކޮށްފި އެވެ.

ދާދި ފަހުން "ހެލޯ" އަށް ދިން އިންޓަވިއުއެއްގައި މަލާއިކާ ވަނީ، ވަރިވުމަށް ފަހު އަންހެނުން އިތުރު މީހަކާ ގުޅުމަކީ މުހިންމު ކަމެއް ކަމަށް ބުނެފަ އެވެ.

ނަމަވެސް އެކަމަކީ މުޖުތަމައުގައި މީހުންގެ ފާޑުކިޔުންތައް އަމާޒުވާ ކަމެއް ކަމަށާއި، އެކަން އެފަދައިން ވަނީ ރަނގަޅަކަށް ނޫން ކަމުގައި އޭނާ ބުނެފައިވެ އެވެ.

ހަމައެހެންމެ އޭގެ ތެރެއިން ވެސް އުމުރުން ހަގު ފިރިހެނަކާ ގުޅޭ އަންހެނުންނާ މެދުގައި ގިނަ ބަޔަކު ފާޑުކިޔާކަން މަލާއިކާ ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަމުގައި ގޯހީ ކޮން ކަމެއްތޯ ސުވާލު ކުރަމުން އޭނާ ވަނީ، ގިނަ ބަޔަކު އެކަމާއި ގުޅިގެން އޮންނަ "ނުބައި" ނަޒަރިއްޔާތު ބަދަލުކުރަން ޖެހޭކަމަށް ބުނެފަ އެވެ.

މަލާއިކާ ލޯބީގެ ގޮތުން ގުޅިފައިވަނީ ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނު އަރްޖުން ކަޕޫރާ އެވެ.

އެ ދެމީހުންގެ އުމުރުގައި 12 އަހަރުގެ ތަފާތެއް ހުންނައިރު، ދެމީހުންގެ ލޯބީގެ ވާހަކަތަކަކީ ބޮލީވުޑްގައި އާންމުކޮށް ދެކެވޭ ވާހަކަތަކެވެ.