ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ސިދްހާރްތް މަލްހޯތްރާ އާއި ކިއާރާ އަދްވާނީ ވަކިވެއްޖެ އެވެ.

ސިދްހާރްތް އާއި ކިއާރާ، އެދެމީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ މިހާތަނަށް އާންމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެފަންނާނުން ވެސް އެ ދެފަންނާނުންގެ ގުޅުމުގެ ވާހަކަތައް އިންކާރުކޮށްފައެއް ވެސް ނުވެ އެވެ.

ހަމައެހެންމެ ދެފަންނާނުންގެ ފިލްމެއް ކަމަށްވާ "ޝޭރްޝާހް" ރިލީޒްވުމާ އެކު ގިނަ ބަޔަކަށް އެ ދެމީހުންގެ ޖޯޑު ކަމުގޮސްފައިވެ އެވެ. ނަމަވެސް ފޭނުން ކުރި އުންމީދުތައް ނާކާމިޔާބުވާނެކަމުގެ އިޝާރާތެއް ދެފަންނާނުން ވެސް މިހާރު ވަނީ ކޮށްފަ އެވެ.

ދެފަންނާނުންނާ ވެސް ވަރަށް ގާތް މީހަކު ނަން ހާމަ ނުކުރުމަށް އެދި އިންޑިއާގެ ނޫހަކަށް އިންޓަވުއުދެމުން ވަނީ އެދެމީހުންގެ ލޯބީގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

އެގޮތުން އެ ދެމީހުން ވެސް މިހާރު އެކީގައި ބައްދަލުކުރުން ހުއްޓާލާފައިވާ ކަމަށާއި، ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް ފެނިފައިވަނީ ރީތިގޮތުގައި ވަކިވުން ކަމުގައި އޭނާ ބުނެފައިވެ އެވެ. ނަމަވެސް އެ ދެމީހުންގެ ލޯބި ނިމުމަކަށް އައުމުން ގިނަ ބަޔަކަށް އަސަރު ކޮށްފައިވާކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އެދެމީހުންގެ ގުޅުމާ ގުޅޭގޮތުން މީގެ ކުރިން ސިދާރްތް ބުނެފައިވަނީ ދެފަންނާނުންނަކީ ވެސް ފިލްމު އިންޑަސްޓްރީގެ ބޭރުން ހާއްސަ ގުޅުމެއް ގެންގުޅޭ ދެ ފަންނާނުން ކަމަށެވެ.