ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮވިޑް-19 ގެ ރޯގާ ފެތުރުން ކޮންޓްރޯލްކުރެއްވީ އެމަނިކުފާނުގެ އަމިއްލަ އަތްޕުޅަށް "ރޯގާ ނަންގަވައި ނެރުއްވި ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި މިއަދު މެންދުރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މި ފަދަ އިގްތިސާދީ ތާށި ކަމެއް ކުރިމަތިވި ނަމަވެސް ރައީސްގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ރޯގާ ފެތުރުން ކޮންޓްރޯލް ކުރެވި، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައި އިގްތިސާދު އަރާސްތު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރޯގާގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ރެއަކު ބަލަހައްޓަވަމުން ގެންދެވި މިންވަރު ހަމަ ގައިމު ވެސް އަޅުގަނޑޫމެންގެ އެކެއްގެ ހިތަކުން ވެސް ފިލައިގެން ގޮސްގެން ނުވާނެ. ރައީސް ސޯލިހް މި ރޯގާ އަމިއްލަ އަތްޕުޅަށް ނަންގަވައި މި ރޯގާ ކޮންޓްރޯލް ކުރެއްވީ
ރައީސް ނަޝީދު

"ރޯގާގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ރެއަކު ބަލަހައްޓަވަމުން ގެންދެވި މިންވަރު ހަމަ ގައިމު ވެސް އަޅުގަނޑޫމެންގެ އެކެއްގެ ހިތަކުން ވެސް ފިލައިގެން ގޮސްގެން ނުވާނެ. ރައީސް ސޯލިހް މި ރޯގާ އަމިއްލަ އަތްޕުޅަށް ނަންގަވައި މި ރޯގާ ކޮންޓްރޯލް ކުރެއްވީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ހަރުގޭގައި މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

ލައިވް ޓީވީގައި ރައީސް ސޯލިހު ކީރިތި ކުރެއްވުމުން ބައެއް މީހުން ހަޖޫ ޖެހި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް ސިއްހީ ފަރުވާ ނުދެވިގެން ބޮއްސުން ލައިގެން ގޮސް އެތައް މި ތަނުގައި މީހުން މަރުވާއިރު ކީރިތި ނުކުރައްވާ ވެރިއަކު ހުރެގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެ ދުވަހު ކަރުނަ ނާޅާނީ ކޮން އިންސާނެއްތޯ ސުވާލު ކުރައްވާފަ އެވެ. ބެލެވޭ ގޮތުގައި ރައީސް ނަޝީދު އިޝާރާތް ކުރެއްވީ، މާލެއިން ފުރަތަމަ ކޮވިޑު-19 ކޭސްއެއް ފެނުނު ދުވަހަށެވެ.

"މިއަށް ވުރެ ހިތާމަވެރި ދުވަސްތަކެއް ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރިމަތިވެފައެއް ނެތް. އަޅުގަނޑުގެ ޒަމާންވީ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ނިދި ކުރައްވާނީ ހިތާމައިގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މި އަހަރު ދިމާވީ "ބަދުނަސީމު" ކަމެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ރާއްޖޭގެ އިގުތިސާދު އެއްދުވަހު އެއްކޮށް ހުއްޓުނީ ކަމަށެވެ. އަދި މިއަށްވުރެ ހިތާމަވެރި ދުވަސްތަކެއް ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރިމަތިވެފައި ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުގެ ޒަމާންވީ، ކުޑައިރުއްސުރެ، އަޅުގަނޑުގެ ގާތް ރަހުމަތްތެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ނިދި ކުރައްވާނީ ހިތާމާގައި
ރައީސް ނަޝީދު

"ރޯގާގެ ސަބަބުން ގިނަ ގައުމުތައް ބަންދުކޮށްފައި އޮތީ، އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، އެތައް ގައުމެއް، ބޯޑަރު ހުޅުވާފައި އޮތް މަދު ގައުމުގެ ތެރޭގައި މި ރާއްޖެ ހިމެނޭ، އެއީ ހިކުމަތްތެރި ސިޔާސަތު ހިންގީމަ ވާނެ ގޮތް،" ރައީސް ސޯލިހަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.