ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް"އިން ކޮންމެ އަހަރަކު އާންމު ކުރަމުން ދާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ކުރީ އަހަރަށް ވުރެ 15 ދަރަޖަ ދަށަށް ވެއްޓިއްޖެ އެވެ.

މި ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގަ އެެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ ލިސްޓްގެ 87 ވަނައިގަ އެވެ. މިއީ ޖުމްލަ 180 ގައުމު ހިމެނޭ މި ލިސްޓަށް ގައުމުތައް ދަރަޖަ ކުރިއިރު ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް ފަހު، އިންޑެކްސްގައި ލިޔެފައިވާ ގޮތުން ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނޫސްވެރިން ލިޔާ ހަބަރެއް ނުވަތަ ރިޕޯޓެއްގައި ހިމެނޭ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައިވާތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި މައްސަލައެއްގައި މިހާރު ނޫހުގައި ލިޔެފައިވާ ލިޔުމެއްގެ މަސްދަރު ހޯދަން މަސައްކަތް ކުރި ކަންވެސް ފާހަގަކޮށްފައިވެ އެވެ.

އިންޑެކްސްގައި ދެން ފާހަގަ ކޮށްފައި ވަނީ ހަރުކަށި ފިކުރާއި ގޭންގްތަކުގައި ހިމެނޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް އަންނަ ބިރު ދެއްކުމުގެ އިންޒާރުތަކެވެ. ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލާފައިވާ ހާދިސާ އިންޑެކްސްގައި ފާހަގަ ކޮށްފައިވެ އެވެ.