އިދިކޮޅު އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މުޅި މާލެއަށް ކަނޑައަޅާފައިވާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި ކާމިޔާބުކޮށް، މާލޭ ދާއިރާގެ މެޖޯރިޓީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވާ ކެންޑިޑޭޓުން ހޯއްދަވައިފި އެވެ.

އެމްޑީޕީން އާންމުކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި މާލޭ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ލިސްޓުގެ އެންމެ ކުރި ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އޭގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ މާލެއަށް ކަނޑައެޅި ގޮނޑިތަކުގެ ތެރެއިން ޖާގަ ހޯއްދަވާފަ އެވެ.

މާލޭގެ 16 ގޮނޑީގެ ތެރެއިން ޖާގަ ހޯއްދެވި ބޭފުޅުންގެ ތެރޭގައި ޕާޓީގެ އިސް ލީޑަޝިޕްގައްޔާއި މަޖިލީހުގައި މީގެ ކުރިން މަސައްކަތް ކުރެއްވި އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އަދި މައްޗަންގޮޅި އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

މުޅި މާލޭގެ ގޮނޑިއަށް އިންތިހާބުވި އިތުރު ބޭފުޅުން:

  • ޒިދްނާ އަލީ މަނިކު
  • މުހައްމަދު ޒިޔާދު
  • އިފްހާމް ހުސައިން
  • ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުއިއްޒު
  • ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް)
  • އަހްމަދު މައިމޫން މުހައްމަދު
  • މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ
  • މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް
  • މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާ