ދީޕިކާގެ ހަޔާތައް އައި "އިރުގެ އަލިކަމަކީ" ރަންވީރު ސިންގް ކަމަށް މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޯން ބުނެފި އެވެ.

ދީޕިކާ އާއި ރަންވީރުގެ ޖޯޑަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޖޯޑެކެވެ. ހަމައެހެންމެ އެ ދެ ފަންނާނުން އެެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކުރުމަކީ އާންމުންގެ ހިތަށް ލިއްބައިދޭ ފިނިކަމެކޭ ބުނުމުން ވެސް ގޯހަކަށް ނުވާނެ އެވެ.

އެފަދައިން ދާދި ފަހުން ދީޕިކާ ވަނީ އަނެއްކާ ވެސް އޭނާގެ ފިރިމީހާ ރަންވީރަށް ލޯބި ހާމަކޮށްފަ އެވެ. އެގޮތުން ރަންވީރު، އޭނާގެ ސޯޝަލްމީޑިއާއަށް ފޮޓޯއެއް ހިއްސާކޮށްފައިވާއިރު، އެއަށް ކޮމެންޓް ކުރަމުން ދީޕިކާ ބުނީ، ރަންވީރަކީ އޭނާގެ ހަޔާތަށް އައި އިރުގެ އަލިކަން ކަމަށެވެ. އެއާއެކުގައި އިރުގެ އިމޯޖީއެއް ވެސް އޭނާގެ ކޮމެންޓުގައިވެ އެވެ.

ރަންވީރު އާންމުކުރި ފޮޓޯއަށް ދީޕިކާގެ އިތުރުން އާންމުންގެ ވެސް ތައުރީފު ލިބިފައިވެ އެވެ.

އެގޮތުން ރަންވީރަކީ ގިނަ ބައެއްގެ ހަޔާތް އުޖާލާ ކޮށްދޭ މީހެއްކަމަށާއި، އޭނާ އަކީ އުޖާލާވެގެންވާ އަލި ގަދަ ތަރިއެއްކަމަށް ފޭނުން ލިޔެފައިވެ އެވެ.

ރަންވީރާއި ދީޕިކާ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގަ އެވެ. އެދެފަންނާނުން ލޯބީގެ ގޮތުން ގުޅުނު ކަމުގެ ހަބަރު އާންމުންނާއި ހިއްސާކުރީ، ލޯބީގެ ގޮތުން ގުޅުނުތާ ހަ އަހަރު ފަހުންނެވެ.