ރަސްމާލެ ޕްރޮޖެކްޓު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަކީ ސަރުކާރުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާއިން ތައްޔާރުކުރި ތަހުގީގީ ދިރާސާގެ ޑްރާފްޓެއްގައި ބުނެފި އެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން ނިންމި ނިންމުން ދިރާސާ ކުރުމަށްފަހު އެކުލަވައިލި މި ޑްރާފްޓް ކަރުދާސް، އެ ޖަމިއްޔާގެ 160 އަށްވުރެ ގިނަ އިލްމުވެރިންނަށް މިހާރު ވަނީ ފޮނުވައިފައެވެ. މި ކަރުދާސް ފައިނަލްކޮށް އާންމުކުރުމަށް ހަމަޖެހިފައިވަނީ މެންބަރުންގެ ފީޑްބެކް ހިމެނުމަށްފަހުގަ އެވެ.

އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމް ނޫން ބަޔަކާއެކު ވިޔަފާރިކޮށް ގުޅުން ބަދަހިކުރެވޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށެވެ. ނަމަވެސް، ރަސްމާލެ ޕްރޮޖެކްޓުގައި މިވަގުތު އެ ޝަރުތުތައް ހަމަނުވާތީ، ގާނޫނީ ގޮތުން އެ ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބިއޮތް ކަމަށާއި، އަލުން ނެގޯޝިއޭޓްކޮށްގެން ނޫނީ އެ ޕްރޮޖެކްޓު ކުރިއަށްގެންގޮސްގެން ނުވާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ވެރިރަށް މާލެ ކައިރީގައި ރިސޯޓުތަކުގައި އުޅެވޭ ގޮތަށް މުސްލިމް ނޫން 30,000 މީހުންގެ އާބާދީއެއް ގާއިމްކުރުމަކީ ދީނީ ގޮތުން ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިރާސާގައި ސިފަކޮށްފައިވެ އެވެ. އެއީ ފައްޅިއެއް އެޅުމަށްވުރެ ނުވަތަ ލާދީނީ ފެސްޓިވަލްތައް ބޭއްވުމަށްވުރެ ވެސް ބޮޑު ދީނީ ނުރައްކަލެއް ކަމަށް ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުން ރަސްމާލެ 99 އަހަރަށް ދޫކުރާ ކަމަށް ބުންޔަސް، އީގަލް ހިލްސްއިން ބުނާ ގޮތުގައި އެ މުއްދަތު ހަމަވުމުގެ ކުރިން ޕްރޮޕަޓީއެއް ވިއްކާލައިފިނަމަ ނުވަތަ ހިބައިން ދީފިނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ އެވެ. އިލްމުވެރިންގެ ގުޅުމުން ހައިބަރު އެގްރިމެންޓަށް އަލިއަޅުވައި ފާހަގަކުރީ މުސްލިމުންގެ ބިމެއް ތާއަބަދަށް ނުވަތަ ނިމުމެއް ނެތް އެގްރިމެންޓެއްގެ ދަށުން ދޫކޮށްލުން ހުއްދަ ނުވާނެ ކަމަށެވެ.

ދައުލަތުގެ ފައިސާއިން ހިއްކި ރަސްމާލެ އީގަލް ހިލްސްއަށް ދޫކޮށްލަން ސިއްރު އެގްރިމެންޓެއްގައި ސޮއިކުރީ 21 ސެޕްޓެމްބަރު ގަ އެވެ. އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ފަހިކުރުމަށް ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، 11 ނޮވެމްބަރު ގައި ދާއިމީ އެގްރިމެންޓުގައި ސޮއިކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.