މާލެއިން މިއަދު ކަރަންޓު ކެނޑުނީ ކަރަންޓު ކޭބަލަކަށް ކުރިން ލިބިހުރި ގެއްލުމަކާ ގުޅިގެން ކަމަށާއި އެ މައްސަލަ މުޅިން ހައްލު ކުރުމަށް ދެ ދުވަސް ނަގާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ރޭ ފަތިހުން ފެށިގެން މިއަދު ހެނދުނު ގާތްގަނޑަކަށް 9:15 ހާއިރު ވަންދެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑި އެވެ. އެ މައްސަލައާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެެކްޓަރު އަހުމަދު ޝަރީފު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ، ކޭބަލަކަށް ލިބިފައިވާ ގެއްލުމަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ 8 އެ ކުންފުނިން ކަރަންޓުގެ ހިދުމަތްދޭ 16 ފީޑަރުގެ ތެރެއިން 8 ވަނަ ފީޑަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި ޖުމްލަ 16 ފީޑާ މިތަނުގެ ދެ ޕަވަ ހައުސް އިން ނިކުންނާނެ. ވަޓްސިލާ ޕަވާ ހައުސް އިން ހަތް ފީޑަރު ނިކުމޭ. އެ ހަތް ފީޑަރުގެ ތެރެއިން އެއް ފީޑަރަކީ އަށް ވަނަ ފީޑަރު. އެ ފީޑަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓު ދިޔައީ،" އެ މައްސަލަ ދިމާވި ގޮތް ކިޔައިދެއްވަމުން ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހަތް ފީޑަރުގެ ތެރެއިން އެއް ފީޑަރަކީ އަމީނީ މަގުން ނިކުމެގެން ގާކޮށި ފްލެޓްތަކުގެ ކައިރީގައި ހުންނަ 102 ނަންބަރު ސަބް ސްޓޭޝަނަށް ދާ ކޭބަލް ކަމަށެވެ. އަދި މައްސަލަ ޖެހުނީ އެ ކޭބަލަށް ކަމަށް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޭބަލަށް މައްސަލަ ދިމާވެފައި ވަނީ ކޮންމެ ބަޔަކު ވެސް ބަޔަކު ކޮނުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މީގެ ދުވަސްކޮޅެއް ކުރިން އެ ކޭބަލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމަށެވެ. އަދި ކަރަންޓު ކެނޑުނީ ހަލާކުވެފައި އިން ކޭބަލަށް ދިމާވި "އާތް ފޯލްޓެއް"ގެ ސަބަބުން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

އެ ކުންފުނީގެ 16 ފީޑަރު ހުންނައިރު، ކޮންމެ ފީޑަރަކުން މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަލާކުވި ފީޑަރުން މިއަދުގެ މެންދުރު 12 ޖެހުމާ ހަމައަށް ކަރަންޓު ދޭ ސަރަހައްދުތަކަށް ކަރަންޓު ދިނީ އިތުރު ހަތަރު ފީޑަރަކަށް ބަހާލައިގެން ކަމަށް ޝަރީފް ވިދާޅުވި އެވެ. މިގޮތަށް ކަރަންޓު ދިނުމުގެ ސަބަބުން ލޯޑު ބޮޑުވި ކަމަށާއި، އެކަމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ބައިގަޑިން ބައިގަޑިން ކަރަންޓު ކެނޑި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިހާރު ކަރަންޓު ކެނޑުން ހުއްޓާލާފައިވީ ނަމަވެސް މިއަދު 2:00 އިން ފެށިގެން ޕީކް ބޮޑުވެއްޖެ ނަމަ ކަރަންޓު ކަނޑަން ޖެހިދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެއޮތީ ވަގުތީ ހައްލެއް ހޯދާފައި. މި ވަގުތީ ހައްލު ދާއިމީ ހައްލަކަށް ބަދަލުކުރެވޭނީ އަޅުގަނޑުމެންގެ ވަޓްޒިލާ ޕަވަރ ހައުސް އިން ނިކުންނަ ކޭބަލް ގާކޮށި ކައިރީގައި ހުންނަ ސަބްސްސްޓޭޝަނާއި ހަމައަށް އިތުރު ކޭބަލްއެއް އެޅުން އެއީ އެއް އޮޕްޝަން، ދެވަނަ އޮޕްޝަނަކީ އެ ކޭބަލް އައިޑެންޓިފައިކޮށްގެން މަރާމާތުކުރުން. އަޅުގަނޑުމެންނަށް ރިސްކުތަކެއް އެބަހުރި އެ ކޭބަލް މަރާމާތުކުރުމަށްޓަކާ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން ހުއްދަ ނަގައިގެން މިހާރު އިތުރު ކޭބަލްއެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޭބަލްއެއް އެޅުމަށް ދެ ދުވަސްވަރު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކޭބަލް އެޅެންދެއް ހުންނާނީ ވަގުތީ ހައްލެއް،" ޝަރީފް ވިދާޅުވި އެވެ.