ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިސޯޓު ހަދަން ދޫކުރި ރަށްތަކުން ސަރުކާރަށް އާމްދަނީއެއް ނުލިބޭ ކަމަށާއި ވެރިކަމުން ފައިބައި ވަޑައިގެންނެވީ އެ ރަށްތަކުން ލިބުނު ފައިސާ ވެސް ހިއްޕަވައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ބަހުގެ ހަމަލާތަކެއް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ދެއްވައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސް ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ފައިސާގައި ރައީސް ސޯލިހު ޖެހިފައިވާ ކަމުގެ ތުޙުމަތު ސީރިޔަސް ކަމަށެވެ.

"އަދީބުއާއެކު މިހާރުވެސް އަޑިނޭނގޭ އެއްބަސްވުން އެކުލަވާލަނީ ކޮމްޕްރޮމައިޒްވެފައި ހުންނެވުމުން ކަމަށް ތުހުމަތުކުރެވޭ. ޓެކްސް/ ޖޫރިމަނާގެ ނަމުގައި ނަންގަވާ ފައިސާއިން ސީދާ ކޮރަޕްޝަން ހިންގަވަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އިނގިލި ދިއްކުރައްވަނީ ރައީސް ސޯލިހު އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަން ކަމަށެވެ.

"ނާގާބިލްކަން ކޮންމެ ދިމާލަކުން އެބަފެނޭ. މުޅި ގައުމު ފަގީރުވެއްޖެ. އަމިއްލަ ޕާޓީތެރޭގަވެސް ހުޅުރޯވެފަ. އަސްލުވެރިމީހާ ހުންނެވީ މަޖްލީހުގައި، މަނިކުފާނު ހަމައެކަނި ވަގުތު ގުނަނީ،" ކުރީގެ ނައިބު ރައީސް ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަތަކާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް މިއަދު ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

އެ ނޫސްބަޔާނުގައި ވަނީ ގައުމު ނުހިންގެވިގެން އުޅުއްވަނީ ރައީސް ސޯލިހުގެ އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު މިއޮތް ސަރުކާރުގައި ފަސާދަ އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ.

ރައީސް ސޯލިހު ވަނީ އެ ވާހަކަ ފުޅުގައި ދައުލަތުގެ އާމްދަނީ އާއި ރިޒާވާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަވައިފަ އެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ އެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކަ ދައްކަން ރައީސް ސޯލިހް ލަދުފުޅު ގަންނަންވާނެ ކަމަށާއި އެ ގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މުޅިން އަލަށް ރިސޯޓު ތަރައްގީކުރުމަށް 35 ރަށެއްގައި މަސައްކަތްކޮށް، ގިނަ ރިސޯޓުތަކެއް ނިންމާ ހުޅުވާފައިވާކަން އިދިކޮޅުން ވަނީ ފާހަގަކޮށްފަ އެވެ.

ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ރިޒާވުގައި އެއްވެސް ފައިސާއެއް ނެތްކަމަށް ވިދާޅުވެ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަށް ރައްދުދެމުން އިދިކޮޅުން ވަނީ ރާއްޖޭގެ ރަސްމީ ރިޒާވުގައި އޭރު 718 މިލިއަން ޑޮލަރު ހުރިކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުންވެސް ދައްކާކަން ފާހަގަކޮށްފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައިވެސް 100 މިލިއަން ޑޮލަރަށްވުރެ ގިނައިން ހުންނާނެ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.

ދަރަންޏާއި ރިޒާވްގެ އަދަދުތަކާއި ގުޅޭގޮތުން ރައީސް ސޯލިހް ދެއްކެވި ހަގީގަތާއި ހިލާފު ވާހަކައަށް ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.