"ޖާނެ ތޫ ޔަ ޖާނެ ނަ" އަދި "އައި ހޭޓް ލަވް ސްޓޯރީސް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް ކަތިލި ބޮލީވުޑްގެ އެކްޓަރު އިމްރާން ހާން ފާހަގަވެގެން ދިޔައީ ބޮލީވުޑްގައި ކުރިމަގު އުޖާލާ ތަރިއެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ފާއިތުވެ ދިޔަ އަހަރުތަކުގައި ބޮލީވުޑުން އިމްރާންގެ ހަބަރެއް ދަބަރެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2015 ވަނަ އަހަރު ކަންގަނާ ރަނޯތް އާއި އެކީ ފެނިގެން ދޔަ ފިލްމް "ކައްޓީ ބައްޓީ" އިންނެވެ. މި ފިލްމަށް ވެސް ލިބިގެން ދިޔައީ ފިނި ތަރުހީބެކެވެ.
އެއަށް ފަހު އެތައް އަހަރެއް ފާއިތުވި ފަހުން އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަކްޝޭ އޮބަރޯއި ވަނީ މިކަމާ ގުޅެ ގޮތުން ވާހަކަ ދައްކާފަ އެވެ.
"ބޮލީވުޑްގައި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިއަކީ އިމްރާން ހާން. އެކަމަކު އޭނާއަކީ މިހާރު އެކްޓަރެއް ނޫން. އޭނާ ވަނީ އެކްޓު ކުރުން ހުއްޓާލާފައި،" އަކްޝޭ ބުންޏެވެ. "އަހަންނަށް އެނގޭ ގޮތުގައި އިމްރާނަކީ އެކްޓަރަކަށް ވުރެ ބޮޑަށް ފިލްމު އުފައްދާ މީހެއް. ޑައިރެކްޓަރެއް. އޭނާ އެންމެ އަވަހަށް ފިލްމެއް ޑައިރެކްޓް ކުރާނެ ދުވަހެއް ބުނަން ނޭނގޭ. އަހަރެން އޭނާއަސް ޕްރެޝާ ކުރަކަށް ބޭނުމެއް ނުވޭ."
އަކްޝޭ އިތުރަށް ބުނި ގޮތުގައި ވަރަށް އަވަހަށް އިމްރާން ފިލްމެއް ޑައިރެކްޓް ކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށާއި އެ ފިލްމު ވާނީ ވަރުގަދަ ފިލްމަކަށް ކަމަށެވެ.