ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް މަސައްކަތްކުރައްވަނީ ހާމަޔަށް ފެންނަން ހުންނަ ހަގީގަތްތައް ވެސް އޮޅުވާލަން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރައީސް ސޯލިހު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
ނުވަ މަސް ދުވަސް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން މަސައްކަތްކޮށް ބޮޑެތި ކެމްޕެއިންތަކެއް ހިންގާފައިވާ ކަމަށް ނޫސްވެރިއަކު ފާހަގަކޮށް އެކަމާ ގުޅުވައި ސުވާލުކުރުމުން އެކަން ދޮގުކުރައްވައިފަ އެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރި ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއަށް ވެސް މި ސަރުކާރުން ފިޔަވަޅު އަޅުއްވާފައިވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވަނީ އިތުރުފުޅު ހައްދަވާފައި ކަމަށް ތުހުމަތުކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ އެމަނިކުފާނު އިންޑިއާއިން ލޯނު ނަންގަވައިގެން އަޅުއްވަން މަސައްކަތްކުރައްވާ ވިލިމާލެ ބްރިޖަކީ ހުޅުމާލެ ބްރިޖަށް ވުރެ އަގުގެ ގޮތުން ނިސްބަތުން ހެޔޮ ބްރިޖެއް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ސޯލިހުގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރެއްވިއިރު ވެސް މަސައްކަތް ކުރެއްވީ ރީތިކޮށް ހާމަވާން ހުރި ހަގީގަތް ވެސް ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި އެފަދައިން ރައީސް ސޯލިހު އެ މަސައްކަތް ކުރެއްވީ ސިޔާސީ މަންފާއެއް ހޯއްދެވުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ސޯލިހު ހަގީގަތް އޮޅޭ ގޮތަށް ކަންކަން ފުރޮޅާލައްވާފައިވުމުން ފެންނަނީ ހަނދާން ނެތޭ ބަލީގެ އަލާމާތްތައް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ސިނަމާލެ ބްރިޖް 116 މިލިއަން ޑޮލަރަށް ތަރައްގީކުރި ކަމާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރައްވާއިރު، ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވި ތިން އަހަރުގައި ކުރެއްވި ހަމައެކަނި ކަމަކީ ބްރިޖުގެ އިންޖިނިއަރިންއާމެދު ސުވާލު އުފައްދާ އުޅުން ކަމަށް ޔާމީން ވިދާޅުވި އެވެ.