އިމާމުންނާއި ޚަޠީބުން ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ ވަނީ މިފަދަ ކޯސްތަކާއި، ތަމްރީނުތައް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ ބޭފުޅުންނަކީ ގާބިލް ބަޔަކަށް ހެދުން ކަމަށް ވިދާޅުވެފަ އެވެ. އެބޭފުޅުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް، ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ ބޭފުޅުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ކޮންމެ ކަމެއް ކުރާއިރު ވެސް ގުރުބަނީތަކެއް ވާންޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގުރުބާނީތަކެއް ނުވާނަމަ ނަތީޖާ ނުލިބޭނެކަމަށެވެ. މިފަދަ ތަމްރީނުތައް ކުރިއަށް ގެންދެވޭއިރު، ތަމްރީނުތަކުގައި ބައިވެރިވާން އެ ހޭދަވާ ވަގުތާއި ކަންކަމަކީ ވަރަށް ބޮޑު ޤުރުބާނީއެއްކަމަށާއި އެފަދަ ޤުރުބާނީތަކެއް ވެގެން މެނުވީ ކާމިޔާބު މީހަކަށް މީހާ ނުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ތަމްރީނުތަކުގެ ބޭނުމަކީ އެ ބޭފުޅުންނަކީ ރަނގަޅު ޤާބިލް ބަޔަކަށް ހެދުންކަމަށާއި މަސައްކަތްކުރައްވަމުން ގެންދަވަނީ އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން މިފަދަ ތަމްރީނު ޕްރޮގްރާމުތަކަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިމާމުންނާއި ޚަތީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުންވާކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާކަމަށްވެސް މިނިސްޓާ ވިދާޅުވި އެވެ. އެހެންކަމުން މި އެހީތެރިކަން އެބޭފުޅުންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓާ ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މިނިސްޓްރީގެ ޓީމުންނާއި ޢިލްމުވެރިން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.