ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވާ ގާޒީގެ ބެންޗުން ގާޒީ އާދަމް މުހައްމަދު ތަނާޒުލް ވެއްޖެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިމައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ގާޒީ އާދަމް މުހައްމަދު ބަލަހައްޓަވާއިރު ދެން ބެންޗުގައި ހިމެނެނީ ގާޒީ ސޮފްވަތު ޙަބީބާއި، ގާޒީ މުހައްމަދު މިސްބާހު އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ މައްސަލައިގައި ދައުވާލިބޭ އިސްހާގުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެސިޓީގައި ބުނެފައިވަނީ ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިސްހާގުގެ އާއިލާ މީހެއްގެ މައްޗަަށް ދައުވާ ކޮށްފައިވާ ކަމަށާއި، އަދި އެމައްސަލަ ނިމެން ކައިރިވެފައިވަނިކޮށް އޭނާގެ އާއިލާގެ އެހެން މެމްބަރަކު ގާޒީ އާދަމްް މުހައްމަދަށް އިންޒާރު ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ގާޒީ އާދަމް މުހައްމަދު މި މައްސަލައިން ތަނާޒުލު ވުމަށް އިސްހާގުގެ ސިޓީގައި އެދިފައިވެ އެވެ.

ގާޒީ އާދަމް މުހައްމަދު އިތުރަށް ވިދާޅުވީ އިސްހާގު މި ސިޓީ ފޮނުވުމުގެ ކުރިން މިއީ މައްސަލަ ބައްލަވާ ބެންޗުގެ އެއްވެސް ގާޒީއަކަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި މި ސިޓީއާ ގުޅިގެން މި މައްސަލައިން ތަނާޒުލުވެ ވަޑައިގަތުމަށް ނިންމެވީ ކަމަށް ގާޒީ އާދަމް މުހައްމަދު ވިދާޅުވި އެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިއަދުގެ އަޑުއެހުމުގައި ތާވަލުކޮށްފައިއޮތީ މައްސަލާގައި އިފްތިތާޙީ ބަޔާން އިއްވުމެވެ.

އާ ގާޒީއަކު މައްސަލައަށް އައްޔަނުކުރުމަށްފަހު އަޑުއެހުން ތާވަލުކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ