ރިސޯޓެއް ތަރައްގީކުރަން ދޫކުރި ވ. އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް ބަލައިނުގަތުމަށް ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމާ ގުޅިގެންނެވެ.

ހައިކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެ ކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން، ޔާމީން އިސްތިއުނާފް ކުރި މައްސަލަ ބަލައިނުގަންނަން ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމައިފަ އެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ އިތުރުން ޔާމީން ރިޝްވަތު ދެއްވި ކަމަށް ބުނެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާ ވެސް ހުށަހެޅުން ހުށަހެޅީ މުއްދަތު ފާއިތުވި ފަހުން ކަމަށް ވުމުން ޝަރީއަތުން ވަނީ އެ ހުށަހެޅުންތައް ވެސް ބަލައި ނުގަންނަން ނިންމާފަ އެވެ.

ޔާމީންގެ އާރަށު މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފަށައި ދެ ފަރާތުން ވެސް އިފްތިތާހީ ބަޔާން ހުށަހެޅުމެވެ. އެ ދުވަހު، އެކަން ކުރިއަށްގެންދިޔަ ނަމަވެސް، އޭގެ ކުރިން ޔާމީންގެ ވަކީލުން ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ޝަކީލް ނިންމެވި ނިންމެވުން އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ކަމަށް ބުނެ އިތުރަށް މައްސަލަ ކުރިއަށްނުގެންދަން އެދިފަ އެވެ.

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. ރައީސް ޔާމީންގެ އިތުރުން، އެމަނިކުފާނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު، ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.