މިއަހަރު އޭޕްރީލްގައި ކައިވެނިކުރި ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކުގައި ފެންނާނެ ފުރަތަމަ ފިލްމުކަމަށްވާ "ބްރަހްމަސްތުރާ"ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއިން ގެނެސްދޭ މިފިލްމަކީ އިންޑިއާގެ ފިލްމަކުން މިހާތަނަށް ފެންނާނެ އެންމެ މޮޅު އަދި އެންމެ ތަފާތު ވީއެފްއެކްސް ވެސް ފެނިގެންދާނެ ފިލްމެވެ.

އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މި ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރުން އަމީތާބު ބަޗަން އާއި މޯނީ ރޯއީވެސް ފެނިގެންދާނެ އެވެ.

އަޔާން އަކީ ރަންބީރާ އެކީ 2013 ގެ "ޔެ ޖަވާނީ ހޭ ދީވާނީ" އާއި 2011 ގެ "ވޭކަޕް ސިދު" ގެނެސްދިން ޑައިރެކްޓަރެވެ.

https://www.youtube.com/watch?v=sWpm-RsRmWA&t=1s

އަންނަ ސެޕްޓެމްބަރު މަހު ސިނަމާތަކަށް އަންނަ ތައްޔާރުވަމުންދާ ފެންޓަސީ އެކްޝަން އެޑްވެންޗާ ފިލްމު "ބްރަހްމަސްތުރާ" އިންޑިއާގެ ފަސް ބަހަކުން ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ. އެއީ ހިންދީ ، ތަމަޅަ، މަލަޔާލަމް، ތެލުގޫ އަދި ކަނަޑާ އެވެ.

"ބްރަހްމަސްތުރާ"ގައި ރަންބީރު ކަޕޫރަށް ތެލުގޫ ބަހުން އަޑުއަޅައިދޭން ދެކުނު ޗިރަންޖީވީ ހަމަޖައްސައިފިއެވެ. ވަރަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޗިރަންޖީވީ އަކީ ދެކުނުގެ ސުޕަރސްޓާރުން ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ފަންނާނެވެ.