ކޮންމެ ފިޓްނަސް ދަތުރެއް ވެސް ފަށަނީ ވަކި މަގްސަދެއް ހާސިލް ކުރުމުގެ ނިޔަތުގަ އެވެ. އެހެންނަމަ ވެސް ގިނަ ފަހަރަށް ވަކި ހިސާބަކުން އެ ދަތުރު ހުއްޓާލަން ޖެހެނީ ހާސިލް ކުރަން އުނދަގޫ ލަނޑުދަނޑިއެއް ނުވަތަ ލަނޑުދަނޑިތަކެއް ކަނޑައެޅުމުގެ ސަބަބުން ނަތީޖާ ފެނުން ލަސްވުމުންނެވެ. ނުވަތަ މާޔޫސް ވުމުންނޭ ބުނެވިދާނެ އެވެ.
މި ފިޓްނަސް ކޯޗު ކަނޑައެޅި ލަނޑުދަނޑިއަކީ އޭނާ އެކަމުގައި މާޔޫސް ވިޔަނުދީ ކުރިއަށް ދިއުމަށް އެޅުނު ބާރެކެވެ. ބަރުދަން ލުއި ކުރަން ބޭނުވާ ކޮންމެ މީހަކަށް ވެސް އޭނާގެ "ފިޓްނަސް ޖާނީއިން" އެ ބުނެދެނީ ރަނގަޅު ފިލާވަޅެކެވެ. މާޔޫސް ނުވެ ކުރިއަށް ދިއުމަށްޓަކައި ހާސިލް ކުރެވޭނެ ގޯލްތަކެއް ކަނޑައެޅުމަށެވެ.
ލޫޅާފަތި ހަށިގަނޑެއް އިނާޝާ އުމަރު (އިނާ) އަކަށް މުހިއްމެއް ނޫނެވެ. ގަވައިދުން ކަސްރަތުކޮށް ކެއުމަށް ބަލައިގެން އުޅުމަކީ އޭނާއަށް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. އުފަލެކެވެ. ހަށިގަނޑަށް ލުއިވެލާނަމަ އޭނާއަށް ފުދެ އެވެ. އޭނާ މަސައްކަތް ކުރަނީ އެ މަގުސަދުގަ އެވެ. އެހެން މީހުންނަށް އޭނާ ދޭ މެސެޖަކީ ވެސް އެއީ އެވެ.
"އަޅުގަނޑަކީ ޕާސަނަލް ޓްރޭނާ އަކަށް ނުވާއިރު ވަޒީފާގައި ވަރަށް ބުރަކޮށް އުޅޭ މީހެއް. ދެ ކުދިން ތިބޭ. ޖޮބާ އަދި އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ ބެލެންސް ކުރަން މަސައްކަތް ކުރަން. ދެން ވަރަށް ފަލަކޮށް ހުންނަ މީހެއް އަޅުގަނޑަކީ. ވަރަށް އުނދަގުލުން ހިކެނީ. ކަސްރަތު ވެސް ގަވައިދުން ކުރަން. އެކަމަކު އެއްބައި ދުވަސްވަރަށް ހިކިދާނެ އަނެއްކާ ހަމަ ފަލަވާން ފަށާފާނެ،" މިވަގުތު "ދަ ވެލްނަސް ކްލަބް"ގެ ޕާސަނަލް ޓްރޭނާ އެއްގެ ގޮތުގައި މަސައްކަތް ކުރާ އިނާ ވާހަކަ ފެށީ މިހެންނެވެ.
އަމީނިއްޔާ ސްކޫލުން ކިޔެވުމަށް ފަހު، ފިޓްނަސް ދާއިރާގައި މަސައްކަތް ކުރުމުގެ ކުރިން "ހީޓް" ނުވަތަ މިހާރުގެ ނަމުން ނަމަ "ދަ ވެލަނަސް ކްލަބް" ގައި އެތަނުގެ ކްލަޔަންޓެއްގެ ގޮތުގައި 15 އަހަރު އޭނާ ހޭދަކުރި އެވެ. އެއީ އޭނާގެ ހަށިގަނޑު ފަލަކޮށް ހުންނަ ކަމަށް އަމިއްލައަށް ފާހަގަ ވުމުންނެވެ. އެހެން ނަމަވެސް އޭނާގެ ބަރުދަން އެއްވަރެއްގައި ނުހިފެހެއްޓޭކަން އޭނާއަށް އެނގެ އެވެ. އަދި ދުވަހެއް ދުވަހަކަށް ބަރުދަން އިތުރުވަމުންދާ ކަން އޭނާއަށް އިހްސާސްވެ އެވެ.
އިސާހިތަކު އޭނާގެ ހަށިގަނޑަށް ތަފާތު އުނދަގޫތަކެއް ވާން ފެށި އެވެ. ކެއުމަށް ބަލައިގެން ގަވައިދުން ކަސްރަތު ކުރި ނަމަވެސް ހަށިގަނޑަކުން އެ ބަދަލެއް ނުފެނުނެވެ. ހަށިގަނޑަށް ވާ އުނދަގުލުގެ ހަގީގަތް ދެނެގަނެވުނީ ޑޮކްޓަރަކަށް ދެއްކުމުން ކަމުގައި އޭނާ ބުންޏެވެ.
"ޑޮކްޓަރު ވިދާޅުވީ ހަށިގަނޑުގައި ކޯޓިސޯލް މަތި ކަމަށް. ހަށިގަނޑުގައި ސަރުބީ ޖަހާ ސަބަކީ އެއީ ކަމަށާއި ހިކެން އުނދަގޫވާ ސަބަބަކީ ވެސް އެއީ ކަމަށް. ދެން ވިދާޅުވީ އަރާމު ކުރުމަށް. ރެސްޓް ނުކުރުމަކީ ފެޓް ސްޓޯވާނެ ސަބަބެއް ކަމަށް. ޑޮކްޓަރު ވިދާޅުވީ ވަރަށް ބޮޑު ތެދެއް. އަރާމުކުރުމަކީ ވަރަށް ނުކުރެވޭ ކަމެއް،" އިނާ ބުންޏެވެ.
ޑޮކްޓަރުގެ އިރުޝާދުގެ މަތިން އޭނާ ވަކި ގޮތަކަށް ކަސްރަތު ކުރުމުގެ ގަޑިތަކެއް ގެންގުޅެން ފެށި އެވެ. އަދި ކެއުމަށް ވެސް ބަދަލުތަކެއް ގެނަ އެވެ. އެ ގަވައިދުގެ މަތިން މަސައްކަތް ކުރަމުން ދަނިކޮށް 8 މަސް ފަހުން އޭނާގެ ހަށިގަނޑަށް ބަދަލެއް އަންނަން ފެށިހެން ހީވި އެވެ. ލުއިވެލައި ފަސޭހަވަމުންދާ ކަމުގެ އިހުސާސެއް ވާން ފެށި އެވެ. އަދި ބަރުދަން ބަލާލިއިރު 10 ކިލޯ ލުއިވެލިކަން އިނގުމުން އިނާއަށް ބޮޑު އުފަލެއް ލިބިގެން ދިޔަ އެވެ.
އިނާ ދެކޭ ގޮތުގައި އޭނާއަށް ދިމާވި މައްސަލަ ދިމާވެފައިވާ މީހުން ބައިވަރު ތިބޭނެ އެވެ. އަދި އެކަމަށް އެހީތެރިކަން ބޭނުންވެފައިވާ އެތަށް ބަޔަކު މި މުޖްތަމައުގައި ތިބޭނެ އެވެ. ވީމާ އެފަދަ ފަރާތްތަކަށް "ރީޗްއައުޓް" ވެވިއްޖެ ނަމަ ގިނަ ބަޔަކަށް އެ ވެދެވުނީ ވަރަށް ބޮޑު އެހީތެރި ކަމެކެވެ. އެ މަގުސަދުގައި އޭނާ ނިންމީ ފިޓްނަސް ދާއިރާއާ ގުޅުމަށެވެ.
"އަޅުގަނޑު ބައިވެރިވީ މާލޭ ފިޓްނަސް ކްލަބްގައި ހާމިދު އަބްދުލް ޣަފޫރު ހިންގަވާދެއްވާ ނެޝަނަލް ފިޓްނަސް އިންސްޓްރަކްޓާ ކޯހުގައި. އަޅުގަނޑަކީ 2019 ގައި އެ ތަނުގައި ހިންގި ކޯހުގެ ބެޗް 5ގެ ބައިވެރިއެއް،" އިނާ ބުންޏެވެ.
އިނާ ކޯސް ނިންމުމަށް ފަހު، 2020 ގައި މާލޭ ފިޓްނަސް ކުލަބުގައި އަމަލީ ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރި އެވެ. ހަމަ އެ ދުވަސްވަރު އޭނާއަށް ދަ ވެލްނަސް ކްލަބުން އެތަނުގައި މަސައްކަތް ކުރުމަށް ދައުވަތު ލިބުނެވެ. އެ ފުރުސަތަކީ އިނާ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު އަބަދު ވެސް ދިޔައީ އެތަނުގެ ޖިމްއަށް. އެހެންވެ އެތަނުގެ ފައުންޑަރު ޝިފާނާ އެ ފުރުސަތު ދެއްވީތީ ވަރަށް އުފާވި. މިހާރު އެތަނުގައި މަސައްކަތް ކުރާތާ މިވީ ހަ އަހަރު،" އިނާ ބުންޏެވެ.
ދަ ވެލްނަސް ކްލަބްގައި ބައިވެރި ވެވުމުން އެ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ތަމްރީނުތައް ލިބުނެވެ. އޭގެ ތެރޭގައި ރީހެބް އެސެންޝަލް، ރީހެބް މާސްޓާސް، ލެސްމިލްގެ ބޮޑީ ކޮމްބެޓް، ބޮޑީ ޕަމްޕް. އޭގެ އިތުރުން ސްޓްރެންތު ޓްރެއިނިން، ނިއުޓްރިޝަން އަދި އޮބޭސިޓީ ކޯސް ހިމެނެ އެވެ.
އިނާ ފާހަގަ ކުރިގޮތުގައި އޭނާ އެ ދާއިރާއިން ކުރިއަށް ދިއުމުގައި އެންމެ ބޮޑު ހިއްސާއެއްވި އެއް ފަރާތަކީ ދަ ވެލްނަސް ކްލަބްގެ ފައުންޑަރު ޝިފާނާ އެވެ.
ވެލްނަސް ކްލަބްގެ ފުރަތަމަ ދުވަހު އިނާގެ ޕާސަނަލް ޓްރޭނިން ސެޝަންގެ ބައިވެރިވި ބައެއް ކްލަޔަންޓުން އޭގެ ހަ އަހަރު ފަހުން މިއަދު ވެސް އޭނާގެ ކްލާހުގައި ތިބި ކަމަށް އިނާ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ. އޭގެ އިތުރުން އޭނާގެ ކްލަޔަންޓުން ދުވަހެއް ދުވަހަކަށް ގިނަވުމަކީ އެ ދާއިރާގައި އޭނާ ކުރިއަރަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެކެވެ.
"ވަރަށް ގިނަ މީހުން ބުނާނެ އެކްސަސައިޒް ކުރިއަސް ދުވަހަކު ވެސް ނުހިކެޔޭ. އެކަހަލަ ކުދިންނަށް ހެލްޕްވުމުގެ ނިޔަތުގައި އަޅުގަނޑު އަސްލު މިކަން ފެށީ. ދެން ފަށައިގެން މިހާރު މިހާ ހިސާބަށް އައިއިރު އަޅުގަނޑުގެ އެބަ ތިބި ގާތްގަނޑަކަށް 40 އަށް ވުރެ ގިނަ ކްލަޔަންޓުން،" އިނާ ބުންޏެވެ.
ކޯޗަކަށް އުޅުނު ނަމަވެސް އަދި ވެސް ގަވައިދުން އިނާ ކަސްރަތު ކުރެ އެވެ. ކޮންމެ ދުވަހަކު ވެސް ދެ ގަޑިއިރު އިނާގެ ހުރިހާ ކަމެއް ހުއްޓާލާފައި ކަސްރަތު ކުރުމުގައި ހޭދަ ކުރެ އެވެ. އޭނާ އެންމެ ކުރާހިތްވާ ކަމަކީ ވެއިޓް އުފުލުމެވެ. ޕަވާ ލިފްޓިން އެވެ. އޭގެ ތެރޭގައި ސްކޮޓް، ޑެޑްލިފްޓް، ބެންޗް ޕްރެސް ހިމެނެ އެވެ. ޕަވާ ލިފްޓިންގައި ޓްރޭނަރު ޔާމީންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން އޭނާ އުފަލާއެކު ފާހަގަ ކުރި އެވެ.
އޭނާގެ ހަށިގަނޑު ލުއިކުރަން ފެށި މި ދަތުރުގައި އޭނާ އެ ވަނީ އޭނާއަށް ސަމާލުކަން ނުދެވޭ މައްސަލަ ކަމަށްވާ އަރާމު ނުކުރެވުން ދެނެގަނެ، އޭނާ ފަދަ އެހެން މީހުންނަށް އެހީތެރިވުމަށް އެ ދައިރާއިން ޓްރެއިން ވެފަ އެވެ. އޭނާގެ އުންމީދަކީ އެފަދަ ފަރާތްތަކުގެ މޫނު މައްޗަށް ހިތްހަމަޖެހުން ގެނެސް ދިނުމެވެ. އެކަމުގައި އޭނާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމެވެ. މިކަމުގައި ކުރިއަށް ދެވެނީ އޭނާގެ ފަހަތުގައި އެހީތެރިވާ ބަޔަކު ތިބޭތީކަން އޭނާ އަބަދު ވެސް ހަނދާން ކުރެ އެވެ.
"ވަޒީފާއެއް އަދާ ކުރަމުން، ގޭގެ ކަންތަކާ އަދި ދެ ދަރިންގެ ކަންކަން ބަލަމުން މިގޮތަށް އުޅޭއިރު، އަޅުގަނޑުގެ ފިރިމީހާ އަދި މަންމަގެ އެހީތެރިކަން ލިބޭތީ އެ ދެމީހުންނަށް ވަރަށް ލޯތްބާއެކު ޝުކުރު އަދާކުރަން. އޭގެ އިތުރުން އަޅުގަނޑުގެ ޕަވާ ލިފްޓިން ޖާނީގައި ހީޓްގެ އިންސްޓްރަކްޓާ ޔާމީން، ލިފްޓް ކުލާހުގެ ޓްރޭނާސް ޖައުދު އަދި ޔާސީން އަޅުގަނޑަށް މިކަމުގައި ދެމިހުރުމަށް ދޭ ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" އިނާ ބުންޏެވެ.
އިނާ ދެކޭ ގޮތުގައި ފިޓްނަސް ޓްރޭނާއެއްގެ ވަޒީފާއަކީ ވަރަށް ބޮޑު ޒިންމާއެކެވެ. ކޮންމެ ދުވަހަކު އެތައް ކްލަޔަންޓުންނާ ދިމާވެ، މަސައްކަތް ކުރާއިރު، އެއިން ކޮންމެ މީހަކީ ތަފާތު މިޒާޖެއްގެ މީހެކެވެ. އެކި މީހުން ޖިމަށް އަންނަނީ އެކި ސަބަބުތަކާ ހުރެ އެވެ.
ވީމާ އެ ފަރާތްތަކުގެ ބޭނުން ދެނެގަނެ، އެ މީހުންނާ ގުޅިގެން، އެ ބޭނުންވާ ލަނޑުދަނޑީ ހާސިލް ކޮށްދޭން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ދާއިރާއާ އަލަށް ގުޅޭ ކުއްޖަކަށް ވެސް އޭނާ ދެނީ އެ ނަސޭހަތެވެ.