ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ވަނީ ދާދި ފަހުން އޭނާގެ ސޯޝަލް މީޑީއާ އެކައުންޓްތަކާއި ރަސްމީ ވެބްސައިޓުން އޭނާގެ ފަހު ނަން ކަމަށްވާ "ސައިރަސް" އުނިކޮށް، އެކަނި "މައިލީ"ގެ ނަމަށް ބަދަލު ކޮށްފަ އެވެ.

މި ބަދަލާއެކު ދުނިޔޭގެ މީޑިއާތަކާއި މައިލީއަށް ސަޕޯޓުކުރާ އެތައް ހާސް ސަޕޯޓަރުންގެ މެދުގައި ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ.

ނަން ބަދަލުކުރަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އޭނާގެ މިއުޒިކީ ކެރިއަރުގައި މުޅިން އާ ޗެޕްޓަރެއް ފެށުމެވެ. އޭނާގެ 10 ވަނަ ސްޓޫޑިއޯ އަލްބަމް "ބާސް ޕާސުއޭޑްސް" މިއަހަރުގެ ސެޕްޓެމްބަރު 18 ގައި ނެރުމަށް ހަމަޖެހިފައިވާއިރު، މި ނަން ބަދަލު ކުރުމަކީ އެ ޕްރޮމޯޝަންގެ ދަށުން ކޮށްފައިވާ މުހިންމު ކަމެކެވެ.

މީގެ އިތުރުން ޝެއާ، މެޑޮނާ، އަދި އެޑެލް ފަދަ ދުނިޔޭގެ މަޝްހޫރު އެކަނި ފުރަތަމަ ނަމުން މަޝްހޫރު ވެފައިވާ ލެޖެންޑްސްއާ އެއް ލެވެލްއަކަށް އޭނާގެ ބްރޭންޑް ގެންދިއުމަކީ ވެސް މިކަމުގެ ފަހަތުގައިވާ މަގްސަދެކެވެ.

މި ނިންމުމަށް އޭނާގެ ބައްޕަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބިލީ ރޭ ސައިރަސް ވެސް ވަނީ ފުރިހަމަ ތާއީދު ކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއީ ސުޕަސްޓާރަކަށް އަންނަންޖެހޭ ގުދުރަތީ ކުރިއެރުމެކެވެ.

ބައެއް ފަރާތްތަކުން އާއިލީ މައްސަލަތަކާ ގުޅުވައިގެން ވާހަކަދެއްކި ނަމަވެސް، މިއީ މުޅިންވެސް އޭނާގެ ފަންނާނީ ކެރިއަރާއި އާ އަލްބަމާ ގުޅިގެން ގެނައި އާ ބަދަލެއް ކަމަށް ހަބަރުތައް ބުނެ އެވެ.