މި އަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ފުރާވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވަނީ އެ މިނިސްޓްރީގެ ފަސް ބޭފުޅުން ކަމަށެވެ.

ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބަލަހައްޓާކަން ފާހަގަކޮށް އެމިނިސްޓްރީން ބުނީ ކޮންމެ އަހަރަކު ވެސް ސަރުކާރުން އެކަމަށް ޚާއްސަ މިޝަނެއް އެކުލަވާލައްވާ ކަމަށެވެ.

އެގޮތުން އެ މިޝަންއިން ސައޫދީ އަރަބިއްޔާގައި ގާއިމުވެ، ރާއްޖެއިން އެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ހާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ މިއަހަރު ހައްޖަށް ހައްޖާޖީން ފުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެން ކަމަށެވެ. އަދި މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައި ކަމަށާއި، އެއީ ޖޫންމަހުގެ 26 ވަނަ ދުވަހާއި، 29ވަނަ ދުވަހާއި، ޖުލައި މަހުގެ 2ވަނަ ދުވަހު އޮންނަ ފްލައިޓްތަކުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.