ކޮވިޑް 19ގެ ނުރައްކާތެރި ރާޅަކުން އަރައިނުގަނެވިގެން އުޅެނިކޮށް އުތުރު ކޮރެއާއިން ގޮތް ނޭނގޭ ގޮހޮރުގެ ބައްޔެއް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މި ބަލީގެ އަސަރު މިހާތަނަށް 800 އަށްވުރެ ގިނަ އާއިލާއަށް ކޮށްފައިވާއިރު ސަރުކާރުން ވަނީ ޑޮކްޓަރުންނާއި މާހިރުންގެ ޓީމެއް ބަލި އެންމެ ބޮޑަަށް ފެތުރަމުންދާ ސަރަހައްދަށް ފޮނުވާފަ އެވެ.

މި ބަލީގެ އަސްލު އަދި މިހާތަނަށް ދެނެގަނެވިފައި ނުވި ނަމަވެސް އޭގެ އަލާމާތްތަކާއި ސިފަތައް ކޮލެރާ ނުވަތަ ޓައިފޮއިޑްއާ ވަރަށް އެއްގޮތް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަލަށް ފެނުނު މި ބައްޔާއެކު މިހާރުވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އުތުރު ކޮރެއާގެ ސަރުކާރަށް ވަނީ އިތުރު ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަަރަހައްދީ އިދާރާތަކުން ވަނީ މިހާރު ވެސް ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އެގޮތުން ކަރަންޓީނު ކުރުމާއި ރެންޑަމް ސާމްޕަލް ނެގުމުގެ އިތުރުން ހައި ރިސްކް ކެޓަގަރީގެ މީހުންނަށް ހާއްސަ އިސްކަމެއް ދީގެން އެމީހުންގެ ސިއްހަތު ބެލެހެއްޓުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެގައުމުގެ ސަރުކާރުން ބުނީ ފެތުރެމުން އަންނަ ބަލީގެ ސަބަބުން ދަނޑުވެރިކަމާއި އެހެނިހެން އިގްތިސާދީ ކަންކަމަށް ބުރޫ އެރިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ވެސް ނަރުދަމާ ނިޒާމުތައް ސާފު ކުރުމާއި އާއްމު ތަންތަން ޑިސް އިންފެކްޓް ކުރުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެ އެވެ.

އުތުރު ކޮރެއާއަށް ވަނީ މިފަހުން ކޮވިޑް 19ގެ ނުރައްކާތެރި ރާޅެއް ކުރިމަތިވެ އިގްތިސާދާއި އާއްމު ދިރިއުޅުމުގެ ހާލަތު ވެސް ވަރަށް ދަށްވެފަ އެވެ. -- ސީއެންއެން