އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލްގެ ދެވަނަ ދަރިފުޅު މި އަހަރުގެ ޖުލައި މަހު ބައިގެން ދިއުމުން ކުރެވުނު އިހުސާސުތައް ފުރަތަމަ ފަހަރަށް ހިއްސާކުރައްވައިފި އެވެ.

މި ވާހަކަތައް ހިއްސާކުރެއްވީ ނިއުޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގަ އެވެ. އެ ލިޔުމުގައި ވާގޮތުން މޭގަންގެ "ހިތުގެ ކުދި ކުދިވެފައިވާ ތަން ތަންކޮޅު ނެގުމުގައި ފިރިމީހާ، ޕްރިންސް ހެރީގެ ހިތް ކުދި ކުދިވި ތަން ފެނިވަޑައިގަތެވެ." އަދި ފުރަތަމަ ދަރިފުޅު ގައިގައި ބައްދާލި އިރު ދެވަނަ ދަރިފުޅު ބީވެގެންދާ ކަމުގެ އިހުސާސްވި ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

"2020 ވަނަ އަހަރު އަހަރެމެން އެންމެވެސް މިވަނީ އެތައް ވޭނަކާއި ހިތާމައަކާ ކުރިމަތިވެފައި،" މޭގަން އިތުރަށް ލިޔުއްވާފައިވެ އެވެ.

މި ވާހަކަތައް ހިއްސާކުރުމުގެ މައިގަނޑު ބޭނުމަކީ މިއަންނަ ތޭންކްސް ގިވިން ޗުއްޓީ ތެރޭގައި އެކަކު އަނެކަކުގެ ހާލު ބެލުމަށް ބާރުއެލުމުގެ ގޮތުންނެވެ.

މި ޝާހީ ދެމަފިރިންގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މޭގަންގެ ހާލު މިހާރު ރަނގަޅެވެ. އަދި އެ ދެމަފިރިން ވަނީ ޖުލައި މަހުގައި ހިނގާދިޔަ ހާދިސާގެ ތަޖުރިބާ ދުނިޔެއަށް ހާމަކުރުމަށް ތައްޔާރުވެފަ އެވެ.

މި ކަމާ ގުޅިގެން ބަކިންހަމް ޕެލަސްގެ ތަރުޖަމާނަކު ބުނެފައިވަނީ " ޝާހީ ބޭފުޅުންގެ ޒާތީ ދިރިއުޅުމާއި ގުޅުން ހުރި ކަމަކަށް ވުމުން ކޮމެންޓެއް ކުރެވެން ނެތް" ކަމަށެވެ.

މޭގަން މާކެލް ލިޔުއްވި އާޓިކަލްގައި ވާގޮތުން ފުރަތަމަ ދަރިފުޅު އާޗީ ނަގައިގެން ހުއްޓާ ކުއްލިއަކަށް ދަށް ބަނޑަށް ތަދެއް އަރާ، އާޗީ އާއި އެކު ތަޅުންގަނޑު މައްޗަށް ތިރިވެވުނެވެ. އަދި ކޮންމެވެސް ނުބައެއް އުޅޭކަން އިހުސާސްވެ ވަޑައިގަތެވެ.

"އޭގެ ގަޑި އިރުތަކެއް ފަހުން އަހަރެން އޮތީ ހޮސްޕިޓަލެއްގެ އެނދުގައި ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެން. އަހަރެން އޭނާގެ އަތަށް ދޮނެއް ދިނިން. އޭރު އަތް އޮތީ އަހަރެމެން ދެމީހުންގެ ކަރުނުން ތެމިފަ،" މާކެލް ލިޔުއްވާފައިވެ އެވެ. "ހޮސްޕިޓަލްގެ ހުދު ފާރުތަކަށް ބަލައިގެން އޮވެ އަހަރެންގެ ހިތަށް އެރީ، މިކަމުން އަރައިގަންނާނީ ކިހިނަކުންހޭ،"

-ބީބީސީ