ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދީޕްކޭ ހޮނިހިރު ދުވަހުގެ ހެނދުނު ދިއްލީއަށް ދިޔަ ބޯޓު ތެރެއަށް ފުލުހުންގެ ޓީމަކުން ވަދެ އޭނާ ހައްޔަރުކޮށްފި އެވެ. ޖަންތަރު މަންތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގެ ކުރިން، އެއާ އިންޑިއާގެ ފްލައިޓަށް ފުލުހުން އަރައި އޭނާ ހައްޔަރުކުރި ވަގުތު، ދީޕްކޭ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އެ މަންޒަރުތައް ވަގުތުން ދައްކާފަ އެވެ.
ދީޕްކޭ އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާގެ އިތުރުން ސީޖޭޕީގެ މެންބަރުން ކަމަށްވާ ސައުރަވް ދާސް އާއި އަޝުތޯޝް ރަންކާ ވެސް ވަނީ ބޯޓު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބޯޓު ތެރޭގައި ހިނގި މި ހަމަނުޖެހުމުގެ ތެރެއިން، ސީޖޭޕީގެ މެންބަރުން ފުލުހުންނާ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، ބޯޓުން ފޭބުމުގެ ފުރުސަތު ނުދިނީ ކީއްވެގެންތޯ ސުވާލުކުރި މަންޒަރު ވީޑިއޯއިން ފެނެއެވެ. "އަހަރެމެން ބޭރަށް ނިކުންނަންދެން މަޑުކުރެވުނީސް. އާދޭ އަހަރެމެން ހައްޔަރުކުރަން، އަހަރެމެން ބިރެއް ނުގަނޭ،" ބޯޓަށް އެރި އަންހެން ފުލުހުންނާ މުހާތަބުކޮށް ދީޕްކޭ ބުނަމުންދިޔަ އެވެ. އެއަށްފަހު، ފުލުހުން ވަނީ އެ މީހުން އެއާޕޯޓުން ނެރެގެން ނޭނގޭ މަންޒިލަކަށް ގެންގޮސްފަ އެވެ.
އަބީޖީތު ދީޕްކޭ މުމްބާއީއިން ދިއްލީއަށް ދިޔައީ، ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރާ ދެކޮޅަށް ޖަންތަރު މަންތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ އިސްވެ ހުރެ ހިންގުމަށެވެ.
ސީޖޭޕީން ނެރުނު ބަޔާނެއްގައި، ބޯޓު ޖެއްސުމާއެކު އަބީޖީތު ދީޕްކޭ، ސައުރަވް ދާސް އަދި އަޝުތޯޝް ރަންކާ ހައްޔަރުކުރުމަކީ ހުދުމުހުތާރު އަމަލެއްގެ ގޮތުގައި ސިފަކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. އެ ޕާޓީން ބުނި ގޮތުގައި، ދިއްލީ ފުލުހުން ރާވައިގެން ހިންގި މި އަމަލަކީ މުޒާހަރާގެ ބައިވެރިންނަށް އެ ސަރަހައްދަށް ނުދެވޭނީސް، މުޒާހަރާގެ ލީޑަޝިޕް ނިކަމެތިކޮށްލުމަށް ކުރި ކަމެކެވެ. އަދި މިއީ މިނިވަންކަމާއެކު ހިނގާބިނގާވެ އުޅުމުގެ ހައްގަށް އަރައިގަތުން ކަމަށް ބުނެ، ހައްޔަރުކުރި ތިން މީހުން ވަގުތުން ދޫކޮށްލުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، ޔޫޓިއުބަރު ދްރޫވް ރާތީ އާއި ސީޖޭޕީގެ ލީގަލް ސެލްގެ ވެރިޔާ ރަތުނާ ސިންގް ވެސް މުޒާހަރާގައި ބައިވެރިވިޔަ ނުދިނުމަށްޓަކައި، ހެނދުނުގެ ވަގުތެއްގައި އެ މީހުންގެ ގޭގައި ތިއްބާ ފުލުހުން ވަނީ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބެލެވޭ 400 އަށްވުރެ ގިނަ މީހުން ދިއްލީ ފުލުހުން ވަނީ ރޭގަނޑުގެ ވަގުތުގައި އެކި ސަރަހައްދުތަކުން ހައްޔަރުކޮށްފަ އެވެ.
މި މުޒާހަރާ ބޭއްވުމުގެ ހުއްދައަށް އެދިފައިވަނީ އެކަށީގެންވާ ވަގުތު އޮއްވައި ނޫން ކަމަށް ބުނެ، ދިއްލީ ފުލުހުން ވަނީ ހުކުރު ދުވަހު އެ ހުއްދަ ދިނުމަށް އިންކާރުކޮށްފަ އެވެ.
މުޒާހަރާގެ ބައިވެރިން އެއްވިޔަ ނުދިނުމަށްޓަކައި، ދިއްލީގެ 45 މެޓްރޯ ސްޓޭޝަނެއް ބަންދުކޮށް، އެތައް ރޭލު ދަތުރުތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. އަމަންއަމާންކަން ބެލެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ ފުލުހުންނާއި ސެންޓްރަލް އާމްޑް ޕޮލިސް ފޯސްގެ 20،000 އަށްވުރެ ގިނަ މުވައްޒަފުން ނެރެފަ އެވެ.
ނާނާގެ މަރާއެކު އޭނާއަށް އަމާޒުކޮށް ތަނުޝްރީގެ ހޫނު ބަސްތަކެއް!
އަމީތާބުގެ ޝަހްސީ ހައްގުތައް ހޯދަން ކޯޓަށް ހާޒިރުވާން އަމުރެއް!