ދީނީ ކަންކަމުގައި ރަސްމީ ފަތުވާދިނުމަށް ޤާނޫނަކުން އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެމަތީ މަޖިލިސް ޕެރެލައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަށް ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނަކުން އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެމަތީ މަޖިލިސް މިހާރު އޮތީ ޕެރެލައިޒް ވެފައިވާ ކަމަށެވެ. އެކަން ނިމުމަކަށް ގެނެސް ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ގާއިމު ކުރަން ޖެހިފައިވާ ކަމަށެވެ.

"ކުރީގެ ސަރުކާރުން ގާނޫނަކުން ފަތުވާ ކައުންސިލް އުފައްދައި މެންބަރުން އައްޔަންކުރި. އެ ފަރާތްތަކުގެ ޓާމް ހަމަވުމުން މެމްބަރުން ޢައްޔަންނުކޮށް އޮންނަތާ ދިގު މުއްދަތެއްވެއްޖެ،" ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ހުރިހާ ގައުމެއްގައިހެން ދީނީ އެއްބައިވަންތަކަމާއި ފިކުރީ އަމާންކަން ގާއިމު ކުރުމަށްޓަކައި ދައުލަތުގައި ފަތުވާ ކައުންސިލް އުފައްދައި ރަގަޅު ގޮތުގައި ހިންގަމުންދާކަމަށެވެ. އެއީ މުޖުތަމަޢު އެއްބައިވަންތަކުރުމުގައި ވަރަށް ބޮޑު ބާރެއްކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ.

"މި ޒަމާނުގެ އިސްލާމީ ޔުނިވަސިޓީތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތައް ފަތުވާ ކައުންސިލަށް އައްޔަންކޮށް ފަތުވާގެ ރަސްމީ އިލްމީ ސައްހަ މަޞްދަރު ކަށަވަރުކޮށް ގައުމުގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމަށް މި ފުރުސަތުގައި އިލްތިމާސްކުރަން." ޝަހީމް ވިދާޅުވި އެވެ.

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެއްދެވުން ހިމެނެ އެވެ.