ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިނަށް ބަދަލުގެނެސް އައު ޑިޒައިނެއް ފަރުމާ ކޮށްދޭނެ މީހަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ހުޅުވާލައިފި އެވެ.
މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1980ގެ ތެރޭގައި ބޭނުންކުރަން ފެށި ކާޑެވެ.
ޑީއެންއާރުން ނެރުނު އިޢުލާނެއްގައި ވަނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާއިއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން މިޑިޕާޓްމަންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.
އައިޑީ ކާޑު ޑިޒައިންކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހު އެވެ. މީގެ އިތުރުން އައިޑީކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި މީހަކަށް 200،000 ރުފިޔާގެ އިނާމެއްގެ ގޮތުގައި ދޭން ނިންމާފައިވެ އެވެ.
ޑީއެންއާރްއިން ބުނީ އައިޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ ތިން ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ލިބޭނެކަމަށެވެ. އަދި ހުށަހަޅާފައިވާ އައިޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ދައްކާ، އެ ކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެ ކަމަށް ވެސް ޑީއެންއާރުން ބުނެ އެވެ.
ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 21ވަނަ ދުވަހުގެ 2:00 ކުރިންނެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި، ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތް ހޮވުން އޮންނަނީ އޮގަސްޓަ މަހުގައެވެ.
އައިޑީކާޑުގެ ކޮންސެޕްޓްގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި އައިޑީ ކާޑު އަދި ހޮލޮގްރާމް ބޭނުން ސައިޒަކަށް ކުރެހުނު ނަމަވެސް ކާޑުގެ ސައިޒަކީ ފުޅާ މިނުގައި 54 މިލިމީޓަރު އަދި ދިގު މިނުގައި 85 މިލިމީޓަރެވެ. އަދި ކުރެހުންތައް ހުންނަންވާނީ އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ޢާއްމުކޮށް ދިވެހިން ގަބޫލުކުރާ އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފުނުވާ ގޮތަށެވެ. މީގެ އިތުރަށް، ކުރެހުމުގައި ދިރިހުރި ނުވަތަ މަރުވެފައިވާ މީހެއްގެ ސޫރަ ހިމަނައިގެން ނުވާނެކަމަށް ޑީއެންއާރުއިން ބުނެ އެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެ ޑިޒައިނަށް ބަދަލުގެނައުމަށް ނިންމާފައިވާއިރު ސަރުކާރުން ވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން މިއަހަރުގެ ފަހުކޮޅު ފަށާނެކަމަށް އިއުލާންކޮށްފަ އެވެ.
ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުވުމާއި ކޮންޓެކްޓްލެސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެ އެވެ.