ކުރީގެ ވަޒީރު، މ. އެންދެރިމާގޭ އައްބާސް އިބްރާހިމް ފުވައްމުލަކުގެ މެންބަރު ކަމަށް ކުރިމަތިލެއްވުމަށް ތާއީދު ހޯއްދެވުމަށްޓަކައި އެ ރަށަށް ވަޑައިގެން އެކިއެކި އަވަށް އަވަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިން، ދޫނޑިގަން އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ދުވަހު އެތަނަށް އަޅުގަނޑު ދިޔައިމެވެ.

އޭރު އަޅުގަނޑު ވަރަށް ކުޑަ އެވެ. މަންމައާއެކު އެ ތަނަށް ދިޔައީ އެފަދަ ވާހަކަތައް އަޑު އެހުމަށް ޝައުގުވެރިކަން ހުންނާތީ އެވެ.

އައްބާސް ވިދާޅުވި އެވެ. "ފުވައްމުލަކުގެ ޒުވާނުންނަކީ ވަރަށް ހީވާގި މަސައްކަތްތެރި ބައެކެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އަޅުގަނޑުގެ ވާތް ފަރާތުން ފެންނަން އެހެރަ ގެއާއި، ކަނާތް ފަރާތުން އެހެރަ ފެންނަ ގެއާ، ދެގެ ފުދެ އެވެ. "ކަނާތް ފަރާތުން އައްބާސް އިޝާރާތް ކުރެއްވި ގެއަކީ ފުވައްމުލަކު ޓައުންވިލާ އެވެ. ވާތް ފަރާތުން ދެއްކެވި ގެއަކީ ވަސީމީގެ އެވެ. އެއީ މުހައްމަދު ވަސީމް (މުހައްމަދު ބޭބޭ) ގެ ގެ އެވެ. ޓައުން ވިލާއަކީ މުހައްމަދު ބޭބެގެ އޭރުގެ ބިޒިނަސް ޕާޓްނަރު ކަމަށްވާ އެދުރުގޭ މުހައްމަދު ވަހީދުގެ ގެ އެވެ.

އެ ދެ ގޭގެ ވާހަކަ އައްބާސް ދެއްކެވީ އެ ދެ ގެއަކީ އެޒަމާނަށް ބަލާއިރު ރަނަގޅު ފެންވަރަކަށް ހަދައިފައިވާ ދެ ގެ ކަމަށް ވެފައި އެދެގޭގެ ވެރިން އެކަމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް އައްބާސަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ.

ހަތްދިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ ފަހުކޮޅާ ހަމަޔަށް މާލޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމެއް ހޯދި "ފުވައްމުލަކު ޓެއިލާސް" އަކީ މުހައްމަދު ބޭބޭގެ މަސައްކަތެވެ. އެ ވިޔަފާރީގެ ބާނީ އަކީ ވެސް ހިންގުން ތެރިއަކީ ވެސް މުހައްމަދު ބޭބެ އެވެ.

ހަތްދިހަ އާއި އަށްޑިހައިގެ އަހަރުތަކުގައި މާލޭގެ އެންމެ ޝަރަފުވެރި ބޭބޭފުޅުންނާއި އެންމެ އާދައިގެ މީހުން ވެސް އެންމެ ހިތް ހަމަޖެހިގެން ފަޓުލޫނާއި ގަމީސް ފައްސަން ބޭނުންވި ފުވައްމުލަކު ޓެއިލާސްގެ ތެރެއިން އެފަދަ އެތައް ފަހާތަނެއް މާލެއަށް އުފަންވި އެވެ. ގިނަ ޒުވާނުންތަކަކަށް އެ މަސައްކަތް ދަސްކޮށްދެއްވުމަށް މުހައްމަދު ބޭބެ ޚާއްސަ ސަމާލުކަމެއް ދެއްވި އެވެ.

އަޅުގަނޑަށް މުހައްމަދު ބޭބެއާ ގާތް ގުޅުމެއް އުފެދުނީ މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ. ފަހާ ތަނުގައި ހިސާބަށް ވުރެ މަސައްކަތް ގިނަ ވުމުން ހުސް ވަގުތު އެތަނުގައި މަސައްކަތް ކޮށްލުމަށް އެދުނު ހިސާބުންނެވެ.

އެ ދުވަސްވަރު މުހައްމަދު ބޭބެގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ކަންކަމުގައި އެންމެނާ ވެސް މަޝްވަރާކުރައްވާ ޚިޔާލު ހޯއްދެވުމެވެ. ޚާއްސަ ކޮށް ޒުވާނުންގެ ލަފާ ކަންތައްތަކުގައި އައްސަވާ އެމީހުންގެ މަޝްވަރާ ބޭނުންކުރައްވަ އެވެ.

ނުވަދިހައިގެ ފަހުކޮޅަށް އައިއިރު މާލޭގެ ބާޒާރަށް ބެންކޮކް ފެޝަން އާންމުވެ، އަންހެނުންނާއި ފިރިހެނުން ގަޔަށް ހެޔޮވަރުކޮށް ހެދުން ފެހުމުގެ ބަދަލުގައި ބެންކޮކުން ގެންނަ ހެދުންތަކަށް ހިތް ޖެހެމުން ދިޔަ އެވެ. ފެހުމުގެ ބާޒާރަށް އަންނަމުން ދިޔަ ބަދަލު ދެނެގަންނާކަށް މުހައްމަދު ބޭބެއަށް މާގިނަ ދުވަހެއް ނުނަގަ އެވެ.

އެ މަސައްކަތް މާލޭގައި ދެން އިތުރަށް ކުރިޔަށް ނުގެންދަން މުހައްމަދު ބޭބެ ނިންމީ ހަމަ ކުއްލިޔަކަށެވެ. އެހެން ނަމަވެސް އެއަށްފަހު ދެން ކުރާނޭ ކަމަކާ މެދު ވިސްނައި، ކަންތައް ހަމަޖައްސާލަން ގިނަ ދުވަސްތަކެއް ނުނެގި އެވެ. އެކަމަށްޓަކައި ވަރަށް ގިނައިން މަޝްވަރާކުރެވުނެވެ. ރަށުގައި ފެހުމުގެ މަސައްކަތް ކުރުމަށާއި ފަހަން ދަސްކޮށްދޭ ކުލާސްތަކެއް ހިނގުންފަދަ ކަންކަން މަޝްވަރާގެ ތެރެއިން އަ އެވެ.

ރަށުން ވަޒީފާއެއް ހޯދުމަކީ ވެސް ކުރެވުނު ޚިޔާލެކެވެ. މުހައްމަދު ބޭބެއަށް ބޮޑުބޭބެ ކިޔާ، ފުވައްމުލަކުގެ ވިޔަފާރިވެރިޔާ، ވާދީގޭ، މުހައްމަދު އަހުމަދުގެ ބިނާކުރެއްވި މިސްކިތެއްގެ މުދިންކަމާ ހަވާލުވެގެން ރަށަށް ބަދަލުވީ މާލޭގައި ކުރަމުން ގެންދިޔަ މަސައްކަތް މުޅިން ހުއްޓާލާފަ އެވެ.

މިސްކިތުގެ މުދިންކަމާއެކު ގުރުއާން ކްލާސް ހިންގެވި ނަމަވެސް މުހައްމަދު ބޭބެ ފަދަ ހީވާގި މީހަކަށް އެކަމަކީ މަސައްކަތެއް ކަމަށް ނުފެނުނެވެ. ނަމާދުކުރުމަކީ ދިރިއުޅުމުގެ ބައެއްކަމުގައި ވާތީ އެއީ ވަޒީފާއެއް ނުވަތަ މަސައްކަތެއްކަމުގެ އިހުސާސް ނުވަނީ އެވެ. އެހެންކަމުން މާލޭގައި ހިންގާ އިމާމު ކޯހުގައި ބައިވެރިވެ، އިމާމުކަމުގެ ސަނަދު ހޯއްދެވި އެވެ.

އިމާމު ކޯހަކީ އެކޯސް ނިންމާ ފަރާތްތަކަށް ގުރުއާނާއި އިސްލާމް މުދައްރިސްކަމުގެ ސަނަދު ވެސް ލިބޭ ކޯހަކަށް ވާތީ އިސްލާމް މުދައްރިސްކަމުގެ ވަޒީފާއަށް ކުރިމަތިލި އެވެ. ޝަރުތު ފުރިހަމަ ވިޔަސް މިފަހަރު ވެސް މުހައްމަދު ބޭބެއަށް ދިމާވީ ނާކާމިޔާބާ އެވެ. އެއީ ސަރުކާރުގެ އިދާރާތަކުން އަބަދުވެސް މުހައްމަދު ބޭބެއަށް ވާގޮތެވެ. އެހެންކަމުން ދެން މިސްރާބު ޖެއްސެވީ އަމިއްލަ ސްކޫލެއް ހުޅުވުމަށެވެ. އެގޮތުން "މަންހަޖުލް ހުދާ"ގެ ނަމުގައި ޕްރީ ސްކޫލެއް ރަޖިސްޓްރީ ކުރައްވައި އަމިއްލަ ގޭގައި އެކަމަށްޓާކައި ރަނގަޅު ފެންވަރުގެ ކްލާސް ރޫމެއް އިމާރާތްކޮށް، ސްކޫލް ހިންގަން ފެށި އެވެ. އޭގެ ފަހުން ބިމެއް ހޯދައި ތިން ކްލާސްރޫމާ ފާޚާނާ އާއި ހޯލް ހިމެނޭ ގޮތަށް ފެންވަރު ރަންގަޅު ސްކޫލެއް ބިނާކުރެއްވީ ފަންޑު ހޯދުމަށްޓަކައި އަމިއްލަޔަށް ހިންގި ހަރަކާތުން ލިބުނު އެހީންނެވެ.

ސްކޫލް އިމާރާތްކޮށް ޕްރީސްކޫލެއްގެ ގޮތުގައި ޓީޗަރުންނާއި ހިންގާނެ މީހުނާއެކު ބަރާބަރަށް ހިނގަން ފެށުމުން ދެން މުހައްމަދު ބޭބެ ބޭނުންވީ ސްކޫލާ ޖެހިގެން އޮތް ބިމުގައި މިސްކިތެއް ބިނާކުރާށެވެ.

އެ މަސައްކަތަށް ވެސް ބޭނުންވާ ފަންޑު ވެސް އަމިއްލައަށް ހޯއްދަވައި ފެންވަރު ރަނގަޅު ރަނަގޅު މިސްކިތެއް ބިނާ ކުރެއްވި އެވެ. 2003 ވަނަ އަހަރު ޖުލައި މަހު ފުވައްމުލަކު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މިސްކިތް ހުޅުވައިދެއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

އެމިސްކިތުގައި ގުރުއާން ކުލާސް ގާއިމުކުރައްވައި އެ ޚިދުމަތް ފުޅާ ކުރެއްވި އެވެ. އެ ޚިދުމަތް މުޅި ފުވައްމުލަކުގެ ދެކުނު ދާއިރާ އަށް ދެމިގެން ދިޔަ އެވެ.

އަޅުގަނޑާ މުހައްމަދު ބޭބެ އެންމެ ފަހުން ދިމާވިއިރު ހުރީ އެއްބަސްވުމެއްގެ ދަށުން މަންހަޖުލް ހުދާ ސްކޫލުގެ ކޮންޓްރޯލް އަތުން ދޫވެފަ އެވެ. ސްކޫލް އަނބުރާ ހޯދުމުގެ ޚިޔާލު ވަރަށް ބޮޑަށް ފާޅުކުރި އެވެ. "ހިތްވަރު އެބަ ހުރި" ކަމުގައި ބުންޏެވެ.

އޭގެ ދެ އަހަރު ފަހުން ރަށަށް ދެވިގެން މުހައްމަދު ބޭބެގެ ޚަބަރު އެހީމެވެ. ކުދިންގެ ފަރާތުން އެނގުނީ ބައްޕަ ވަރަށް ބަލި ކަމުގަ އެވެ. އެވަގުތު ހުރީ މާލޭގަ އެވެ. އެހެންކަމުން ބައްދަލު ވެވޭނެ ފުރުސަތެއް ނުލިބުނެވެ.

އުމުރުން 79 އަހަރުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ މުހައްމަދު ބޭބެ މިދުނިޔެއާ ވަކިވެގެންދިޔައިރު ފެންނާން ހުރީ ކޮށްދިން އަގު ނުކުރެވޭފަދަ ޚިދުމަތެވެ. ވަކިވެގެން ދިޔައީ އަގު ބޮޑު ޚިދުމަތްތެރިއެކެވެ. މުޅި ރާއްޖެއަށެވެ. ޚާއްސަކޮށް ފުވައްމުލަކަށެވެ. ވަކިން ޚާއްސަކޮށް ދޫނޑިގަމަށެވެ. އަޅުގަނޑު އެދެނީ މުހައްމަދު ބޭބެއަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށެވެ. އާމީން!