ރައީސް މުހައްމަދު މުއިއްޒަށް ގަޛުފުކުރި ކަމަށް ބުނެ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި ހިމެނޭ އައިޝަތު އީޝާ އަޝްރަފްގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލް މުހައްމަދު ފަރީދު، މައުލޫމާތު ލީކުކުރި ކަމުގެ ތުހުމަތުގައި ޓީމުން ވަކިކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ ފަރީދު ވަކިކޮށްފައިވަނީ، ރައީސް މުއިއްޒަށް މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގަ އެވެ. އަދި މި މައުލޫމާތުތައް ހިއްސާކުރުމުގެ ބަދަލެއްގެ ގޮތުން ރައީސް މުއިއްޒު އޭނާއަށް 5 މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށްވެސް ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކުރެވިފަ އެވެ. މީގެއިތުރުން، މި މައްސަލައިގެ ތަހުގީގު އޮފިސަރާ އެކު ފަރީދު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ފަރީދު ގާނޫނީ ޓީމުން ވަކިކުރިކަން އީޝާ ވަނީ ފަރީދު އަށް އަންގާފަ އެވެ.
ރައީސް އޮފީހާއި ސަރުކާރުގެ ސިޔާސީ މަގާމެއް އަދާކުރި އީޝާ ފުލުހަށް ހާޒިރުކޮށްފައިވަނީ، "އަދަދު" އޮންލައިންގެ އެކްސް އެކައުންޓުގައި 2026 މާރިޗު 28 ވަނަ ދުވަހު ޝާއިއުކުރި "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއާ ގުޅިގެންނެވެ. އެ ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ގަޛުފުކޮށްފައިވާ ކަމަށާއި، އޭގައި އީޝާގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ފުލުހުންނަށް ލަފާދީފައިވާ ކަމަށެވެ. އަދި އެ ލަފަޔާ އެއްގޮތަށް ތަހުގީގު ނިންމައި އަލުން ހުށަހެޅުމުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް، މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފުލުހުންނާ ސުވާލު ކުރުމުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި މައްސަލާގައި ފުލުހުން ވަނީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) އާ ސުވާލުކޮށް، އެ ދެ ބޭފުޅުންގެ މައްޗަށް ގަޛުފުގެ ދައުވާ ވެސް އުފުލާފަ އެވެ.
މީގެއިތުރުން، "އައިޝާ" ޑޮކިއުމެންޓްރީ އާންމުކުރުމުގެ އެއް މަސްދުވަސް ކުރިން، ސަރުކާރުގެ ވަޒީރަކު ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ފޯނުން ގުޅައި އިންޒާރު ދެއްވި ކަމަށް އީޝާ ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ވަޒީރެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.
މަގު ހެދުމަށް ވެސްޓް ޕާކު ސަރަހައްދު މިރޭ ބަންދުކުރަނީ
ސްޓްރެސް ވުމުން "ބަނޑު ސަކަރާތް" ވަނީ ކީއްވެ؟
ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރަން ޖޫރިމަނާ ނުދެއްކުނު