މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާއި ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި އެކްސިޑެންޓަކީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެން ހިނގި ހާދިސާއެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، މާހު ހަސަން، 21 އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން 22 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ފަރުވާދެނީ އައިޖީއެމްއެޗްގަ އެވެ. އޭނާގެ ސައިކަލްގެ ފަހަތުގައި އިން 26 އަހަރުގެ ދިވެހި އަންހެން މީހާއަށް ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ދެ މީހުންގެ ހާލުވެސް ސީރިއަސް އެވެ.

ކޯޓު އަމުރުގައި ވަނީ އެ އެކްސިޑެންޓް ހިނގީ މާހު ޒިގްޒެގްކޮށް ބާރު ސްޕީޑްގައި ސައިކަލް ދުއްވުމުން ކަމަށެވެ. އަދި އޭނާ އަކީ ލައިސަންސް ނެތި ދުއްވައިގެން މީގެކުރިން ހަތަރު ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.