ބަންގްލަދޭޝްގެ މިސްކިތެއްގައި ގޭސްހޮޅިއެއް ކަމަށް ބެލެވޭ އެއްޗެއް ގޮވައި، 17 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ފަޔާ ސާވިސް އޮފިޝަލުން ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެގެ ކައިރީގައި އޮންނަ ނަރަޔަންގް ޑިސްތްރިކްޓްގައި ހުންނަ މިސްކިތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅިއަކުން ގޭސް ލީކުވެގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތަކީ އަސްރު ނަމާދުކުރަން މީހުން ތިބި ވަގުތެވެ.

މި ހާދިސާގައި ޒަހަމްވި 37 މީހުންނަށް ޑާކާގެ ސްޕެޝަލިސްޓް ބާން އަދި ޕްލާސްޓިކް ސާޖަރީ ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ.

ބާން ޔުނިޓްގެ ކޯޑިނޭޓާ ކަމަށްވާ ސަމަންތާ ލާލް ވިދާޅުވި ގޮތުގައި މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން 17 މީހުން މަރުވި އިރު އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

"ކުއްލިއަކަށް ބާރުއަޑެއް އިވިފައި ދެން ފެނުނީ މިސްކިތުން އަލިފާނާއި ދުން އަރާތަން. އޭގެ ފަހުން މީހުން ހަޅޭލަވަމުން ނިކުތްތައް ފެނުނު. ބައެއް މީހުން އެމީހުންގެ ގައިގައި ރޯވެފައި ހުރި އަލިފާން ނިއްވުމަށް މަގުމަތީ އުޅުނު،" އެ ސަރަހައްދުގައި ދިރިއުޅޭ މީހެއް ކަމަށްވާ މުހައްމަދު ރަތަން ބުންޏެވެ.

ފަޔާ އޮފިޝަލުން ބުނި ގޮތުގައި އެ ގޭސް ލީކުވެފައިވާ ކަމަށް ބެލެވެނީ މިސްކިތުގެ ދަށުގައި ހުރި ހޮޅިއަކުންނެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންނެވެ. -އަލް އަރަބިއާ