މޯލްޑިވްސް ބޯޑަ މައިލްސް ޕްރޮގްރާމްގައި މިހާތަނަށް 30 އަށްވުރެ ގިނަ ޕާޓްނަރުން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް ބޯޑަ މައިލްސް ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ބޯޑަ މައިލްސް ޕްރޮގްރާމަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ޓޫރިސްޓުން ރާއްޖެ އައުން ހުއްޓި، ގައުމުގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ޓޫރިޒަމް އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތައާރަފުކުރި ޕްރޮގްރާމެކެވެ.
މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.
ބޯޑަ މައިލްސް ޕްރޮގްރާމްގައި މިހާތަނަށް 30 އަށްވުރެ ގިނަ ފަރާތުން ޕާޓްނަރުންގެ ގޮތުގައި ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ހޮޓެލްތަކާއި، އެކްސްކާޝަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ރެސްޓޯރަންޓްތައް ވެސް ހިމެނެ އެވެ. ބޯޑަ މައިލްސްގައި ބައިވެރިވާ ފަރާތްތަކަށް މި ޕްރޮގްރާމްގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވާ ތަންތަނުން ހާއްސަ އޮފާތައް ލިބި އެވެ.
ބޯޑަ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް ބައި މިލިއަން ޓޫރިސްޓުން ވަނީ ބައިވެރިވެފަ އެވެ. މިއީ މި ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވްސް ބޯޑަ މައިލްސްއިން ވަނީ ފާހަގަކޮށްފަ އެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ ތިން ދަރަޖައަކަށެވެ. އެއީ ބްރޮންޒް، ސިލްވާ އަދި ގޯލްޑް އެވެ. ބޯޑަ މައިލްސްއަށް ފަތުރުވެރިން ޝައުގުވެރިކުރުވަން މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ހާއްސަ އޮފަރތައް ތައާރަފްކުރަމުންނެވެ. އެގޮތުން ބޯޑަ މައިލްސްގެ އެންމެ މަތީ ދަރަޖައަށް ވާސިލްވުމުން، ވެލާނާ އެއާޕޯޓުގެ މާމަހި އެގްޒެކެޓިވް ލައުންޖުން ވީއައިޕީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް ޕްލެޓްފޯމް ކަމަށްވާ އަގޯޑާއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގައި ބޯޑަ މައިލްސްއިން ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން މި ޕްރޮގްރާމް ތަރައްގީކުރުމަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ. އަދި އަގޯޑާ މެދުވެރިކޮށް ބުކިން ހަދާ ފަރާތްތަކަށް ބޯޑަ މައިލްސް ޕްރޮގްރާމުގައި ޕޮއިންޓް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.