ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް އަލަތު ވެބް ސީރިޒްގެ މަސައްކަތް ފަށައިފި އެވެ.
ކާޖޮލްގެ އަލަތު ވެބް ސީރީޒްގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން އާންމުކޮށްފައިވާ ވީޑިއޯއަކުންނެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ކާޖޮލް އޭނާގެ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލެ ޖަޔެގޭ"ގެ އައިކޮނިކް 'ޕަލަޓު' މަންޒަރެކެވެ.
ކެމެރާގެ ފަހަތުގައި ހުރި އަޑަކުން ބުނީ އޯޓީޓީ ޝޯ ކުރާނަމަ އެކްޓަރު އެނބުރިލާނެ ކަމަށާއި އޭގެ ފަހުން ކާޖޮލް ފަހަތަށް އެބުރި ބަލާލަ އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ވަނީ 42 ސިކުންތުގެ ދިގުމިނުގެ ކްލިޕްގެ ކެޕްޝަންގައި ލިޔެފައި ވަނީ "ކުޗް ކުޗް ހޯ ރަހާ ހޭ، ޓޫމް ނާހީ ސަމްޖޯގޭ. ކެން ޔޫ ގެސް ވަޓް ވީ އާ އަޕް ޓު؟" އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 47 އަހަރުގެ ބަތަލާ ޕިންކްވިލާ އަށް ބުނީ އޭނަ އަކީ ވެބް ސީރީޒްތަކުގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އެގޮތުން އަޖޭގެ "ރުދުރާ" ގެ އިތުރުން ސުޝްމިތާ ސެންގެ "އާރިއާ" އަކީ ވަރަށް ކަމުދިޔަ އެއްޗެހި ކަމަށް ބުންޏެވެ.
"މީގައި އެންމެ މުހިއްމު އެއްޗަކީ ކޮންޓެންޓް. އަހަންނަށް ވެސް ލިބުނު ކޮންޓެންްޓާ މެދު ހިތްހަމަޖެހުނުލެއް ބޮޑުކަމުން ސީރީޒަށް އެއްބަސްވީ،" އޭގެ އިތުރު އެއްވެސް ތަފުސީލަކަށް ނުގޮސް ކާޖޮލް ބުންޏެވެ. "އަހަރެން ބޭނުންވޭ އަބަދު ވެސް ޗެލެންޖިން ކަންކަންކޮށްލަން. އެހެންވީމަ ވެބް ސީރީޒަކީ ވެސް ވަރަށް ހާއްސަ އެއްޗަކަށް ވާނެ." ކާޖޮލް ބުންޏެވެ.
ވެބް ކޮންޓެންޓަކަށް ކާޖޮލް އެއްބަސްވި ނަމަވެސް މިފަދަ އުފެއްދުމެއް އޭނަ އަށް އަލެއް ނޫނެވެ. އެގޮތުން މިދިޔަ އަހަރުގެ ފިލްމު "ތުރިބާންގާ" އަކީ ނެޓްފްލިކްސް އިން ޕްރީމިއާކުރި ކާޖޮލްގެ ވެބް ފިލްމެކެވެ. އޭނަ މިހާރު އަންނަނީ "ސަލާމް ވެންކީ" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.
ކާޖޮލް ވެބް ސީރީޒްގެ މަސައްކަތް ފެށުމަށް އިއުލާނު ކޮށްފައިވާއިރު އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންވެސް އަންނަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ވެބް ސީރީޒް "ރުދުރާ" ގައި މަސައްކަތް ކުރަމުންނެވެ.