ދިޔަރެސް ނޫހުގެ ޗީފް އެޑިޓަރު އަހްމަދު އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ އޭނާ ފުލުހަށް ހާޒިރު ކުރުމަށް ނިންމުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުންނާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އެކަމާ ސުވާލު ކުރަމުންދަނިކޮށެވެ.
ފުލުހުން ބުނީ އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އައިޖީއެމްއެޗްގެ ޕޯޓަލް އިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ބެހޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހްގީގުގައި ސުވާލު ކުރުމަށް ކަމަށެވެ. މިމައްސަލަ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަހްގީގު ކުރަމުންދާ ކަމަށާއި އަދި މިމައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާވެސް ސުވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަޒާން ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމައްސަލައިގައި އަޒާން ބުނެފައިވަނީ އައިޖީއެމްއެޗްގެ ޕޯޓަލްއިން އާއްމު ރައްޔިތުންގެ މައުލޫމާތު ފެންނަން ހުރި ކަން އެތަނުގެ ސަމާލުކަމަށް ގެނައީ އޭނާ ކަމުގަ އެވެ. އަދި ނޫހުގައި އެ ކަން ރިޕޯޓްކުރީ އެކަން އެންގުމަށްފަހުގައި ކަމަށްވެސް އަޒާން ބުންޏެވެ.
އަޒާން ފުލުހަށް ހާޒިރު ކުރަނީ ބުރާސްފަތި ދުވަހު އެވެ. މިކަމާ ގުޅިގެން ގިނަ ނޫސްވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
ޑާޓާ ބޭސްއިން ބޭނުން މީހަކަށް ފަސޭހަކަމާއެކު ބޭނުން މީހެއްގެ މައުލޫމާތު ބެލޭކަން ފާހަގަކުރެވި އެ މައްސަލަ ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނައުމަށްފަހު ރިޕޯޓުކުރި މައްސަލައިގެ ތަހުގީގަށެވެ.