އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި އެވެ.

މި އިންތިހާބުގެ ވޯޓުލުން ފެށީ އިއްޔެ މެންދުރުފަހު 2:30 ގަ އެވެ. ވޯޓުލުން ބަންދުކުރީ ރޭ 9:00ގަ އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އައްޑޫ، ގއ. ގދ. ލ. ފ. ނ. އަތޮޅުން މެޖޯރިޓީ ގޮނޑިތައް ކާމިޔާބު ކުރީ ފައްޔާޒު އެންޑޯސްކޮށްފައިވާ ކެންޑިޑޭޓުންނެވެ.

ވޯޓުގެ ނަތީޖާތައް ޗެކްކޮށް ފައިނަލް ކުރުމުގެ މަސައްކަތް އެ ޕާޓީން އަންނަނީ ކުރަމުންނެވެ.

މި އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ގުޅިގެން ވެސް ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނެރުނެވެ.

މި އިންތިހާބުގައި އެކި ދާއިރާތަކަށް ޖުމްލަ 1612 ކެނޑިޑޭޓުން ވާދަކުރާއިރު މި އިންތިހާބުގައި ވޯޓުލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 252 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

މި އިންތިހާބުގައި މެންބަރުން ހޮވާ މަގާމުތަކަކީ:

  • ކޮންމެ އަތޮޅަކުން އަދި ކޮންމެ ސިޓީއަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެމްބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ
  • އަންހެނުންގެ ރޫހުގެ ރައީސް
  • އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރު
  • ޒުވާނުންގެ ހިތްވަރުގެ ރައީސް
  • ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރުން

މި އިންތިހާބުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 359 މަގާމަށް މެންބަރުން އިންތިހާބު ކުރާއިރު އެ ޕާޓީގެ އެހެނިހެން މަގާމުތަކަށް 743 މެންބަރުން އިންތިހާބު ކުރާނެ އެވެ. ގައުމީ މަޖިލީހަށް 359 ކެންޑިޑޭޓުން އިންތިހާބުކުރާއިރު ގެ ތެރެއިން 86 ކެންޑިޑޭޓަކު އިންތިހާބަކާ ނުލާ ހޮވިފައިވެ އެވެ.