ބޮލީވުޑްގެ ކުޅަދާނަ ތަރި އަނުޝްކާ ޝަރުމާ އަކީ "އެންޒައިޓީ"ގެ ރާނީކަމަށް ބުނުމުން ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރަށް އާންމުންގެ ނުހުރުހުން އަމާޒުވެއްޖެ އެވެ.

މިކަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ، މީގެ އަހަރުތަކެއް ކުރިން އަނުޝްކާ އާއި ރަންބީރު އެކީގައި ކުރި އިންޓަވިއުއެއްގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވާން ފެށުމުންނެވެ.

އެގޮތުން އެ ވީޑިއޯގައި ރަންބީރު އަނުޝްކާގެ ނަފްސާނީ ހާލަތާ މެދު ވާހަކަދައްކަމުން ވަނީ އޭނާއަށް މަލާމާތް ކޮށްފަ އެވެ. އެގޮތުން އޭނާ އަކީ އެންޒަރިޓީގެ ރާނީ ކަމަށް ރަންބީރު ސިފަކޮށްފައިވެ އެވެ.

އޭގެ އިތުރުން ކިތަންމެ ކުޑަ މަޝްވަރާއެއް ކުރަން ވެސް އަނުޝްކާއަށް އެންޒައިޓީއަށް ފަރުވާކުރާ ބޭސް ނަގަން ޖެހޭކަން ރަންބީރު އިންޓަވިއުގައި ފާހަގަކޮށްފައިވެ އެވެ. އަދި އަނުޝްކާގެ ނަފްސާނީ ބައްޔަކާއި، ދަތުގެ ބަލީގެ އިތުރުން ސާފުތާހިރުވުމުގައި އުނދަގޫތަކެއް ހުންނަ ކަމަށް ރަންބީރު ބުނެފައިވެ އެވެ.

އެކަމަކު އެހެން ރަންބީރު ބުނި ބުނުން އާންމުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި އެފަދައިން މީހެއްގެ ބަލި ހާލަތަށް ޖޯކު ޖެހުމަކީ ވަރަށް ވިޔާނުދާ އަމަލެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވެ އެވެ.