ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއިން ކުރިއަށް ގެނެސްދިނުމަށް ނިންމާފައިވާ އެކްޝަން އެޑްވެންޗާ ފިލްމުގެ ލީޑު ތަރިން ގޮތުގައި ޓައިގާ ޝްރޮފްއާއެކު ރަޝްމިކާ މަންދަން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމަކީ ޖާންވީ ކަޕޫރު ބޮލީވުޑަށް ތަޢާރަފްވި 2018 ވަނަ އަހަރު ދެއްކި ފިލްމު "ދަޅަކް" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާން ޑައިރެކްޓުކުރާ ފިލްމެކެވެ.

"ސްކްރޫ ދީލާ"ގެ ނަމުން ނަން ދީފައިވާ މި ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ޕޯޗުގަލްގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޑައިރެކްޓަރު ޝަޝަންކްގެ އެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ ވިކީ ކޯޝަލްގެ "ގޯވިންދާ މޭރާ ނާމް" އެވެ. މީގެ އިތުރުން އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ބޮލީވުޑަށް ތައާރަފްކުރާ ފިލްމު "ބޭދަޅަކް" ގެ ޑައިރެކްޓަރަކީ ވެސް ޝިޝާންކެވެ. އޭގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް ޕްރޮޑިއުސަރު ކަރަން ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CaoS-NxtZEH/

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި އައްލޫ އަރުޖުންގެ "ޕުޝްޕާ: ދަ ރައިޒް"ގެ ބަތަލާ ރަޝްމިކާ މަންދަންގެ މަގުބޫލު ކަން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.

https://www.instagram.com/p/CgUdeERpKGT/?hl=en

އެއާއެކު އޭނާއަށް ބޮލީވުޑުން އަންނަނީ ގިނަ ފުރުސަތު ތަކެއް ލިބެމުންނެވެ. އެގޮތުން އޭނާއަށް ބޮލީވުޑްގެ ފިލްމުތައް ފުލުފުލުން އަންނަނީ ލިބެމުނެވެ.

މިހާރު އުމުރުން 26 އަހަރުގެ ރަޝްމިކާ އެންމެ އަވަހަށް ފެންނާނީ އަމީތާބު ބައްޗަންއާއެކު ފެންނަ ފިލްމު "ގުޑް ބާއި" އެވެ. މީގެ އިތުރުން މިހާރު ޝޫޓިން ކުރިއަށް ފިލްމު "އެނިމަލް" އިން ވެސް ރަޝްމިކާ ފެންނާނެ އެވެ.