ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރު އެޅުމުގެ ކުރިން އަޅަން ޖެހޭ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ރަށުގެ މަގު ހެދުމުގެ މަސައްކަތްކުރާ އެމްޓީސީސީން ބުނީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށެވެ. ނަމަވެސް މުޅި މަޝްރޫއުގެ މަސައްކަތް ނިމޭނެ ދުވަހެއް އެ ކުންފުނިން ނުބުނެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން މި ރަށުގެ 31 މަގެއް ތާރު އަޅައިގެން ހަދާނެ އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެތެރޭގެ މަގުތަކުގެ އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް އިއްޔެ ކުރަނީ.

އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އެމްޓީސީސީއާ 2019 ޖުލައި މަހު އެ މަޝްރޫއު ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އާބާދީގައި 13،000 އެއްހާ މީހުން ހިމެނޭ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.