ކުރިއަށް އޮތް މަސްތަކުގައި އެލްނިނޯގެ ބާރު ކުރިން ނުފެންނަ މިންވަރަށް ގަދަވެ، އޭގެ އަސަރު 2027 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ދެމިގެންދާނެ ކަމަށް ވާލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން އިންޒާރު ދީފި އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނިޔަލަށް އެލްނިނޯ ދެމިގެންދިއުމުގެ ފުރުސަތު ސައްތައިން ސައްތައާ ގާތްކުރެ އެވެ. މިއީ އެލްނިނޯ ނުވަތަ ލާނިނާގެ ހާލަތާ ގުޅޭ ގޮތުން އެ އޯގަނައިޒޭޝަނުން މިހާތަނަށް އެންމެ ޔަގީންކަމާއެކު ނެރުނު ރިޕޯޓެވެ.

އެލްނިނޯއަކީ ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ގުދުރަތީ ގޮތުން އުފެދޭ މޫސުމީ ހާލަތެއް ކަމަށްވީ ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މީގެ އަސަރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ޑަބްލިއުއެމްއޯގެ ވެރިޔާ ސެލެސްޓް ސައުލޯ ވިދާޅުވި ގޮތުގައި، މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި މޫސުން ރެކޯޑުކުރަން ފެށީއްސުރެ ފެނުނު އެންމެ ބާރުގަދަ އެލްނިނޯއަށް ވެގެންދާނެ އެވެ. އެގޮތުން މި އަހަރުގެ ފަހުކޮޅު އެލްނިނޯ އެންމެ ބާރުގަދަވާނެ ކަމަށް ބެލެވޭއިރު، ދުނިޔޭގެ ފިނިހޫނުމިން އިތުރަށް މަތިވެ، ކުރިއަށް އޮތް އަހަރުތަކުގައި އާ ރެކޯޑުތަކެއް ގާއިމުވުމަކީ ދުރު ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ހާދިސާއާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ވިދާޅުވީ ދުނިޔެ މިހާރު ވަނީ ނުރައްކާތެރި މޫސުމީ އިންޒާރުގެ ސަރަހައްދެއްގެ ތެރޭގައި ކަމަށެވެ. އަދި ކަނޑުގެ ފިނިހޫނުމިން އިންތިހާއަށް މަތިވަމުންދާއިރު، އިންސާނުންގެ ރައްކާތެރިކަމަށްޓަކައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅުތައް އަވަސްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައި ކަނޑުގެ އަޑީގެ ފިނިހޫނުމިން އާންމު މިންވަރަށްވުރެ 8 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.